ޚަބަރު

އެއްވެސް ރިޕޯޓެއް އަނބުރާ ގެނެސްފައެއް ނުވާނެ- އެފް.އައި.ޔޫ


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފް.އައި.ޔޫއިން ތަހުޤީޤީ އިދާރާތަކަށް ފޮނުވާފައިވާ އެއްވެސް ރިޕޯޓެއް ނުވަތަ ސިޓީއެއް އަނބުރާ ގެނެސްފައިވާ ނުވާކަމަށް އެ ޔުނިޓުން ބުނެފިއެވެ.

އެފް.އައި.ޔޫއިން ނެރެފައިވާ ބަޔާން މީޑިއާއަށް ހިއްސާކުރައްވަމުން އެމް.އެމް.އޭގެ ތަރުޖަމާން މުޙައްމަދު ނާސިޙު ވިދާޅުވީ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މައްސޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނީ ސީދާ އެ ޔުނިޓުންކަމަށާއި، އެކަމުގައި އެމް.އެމް.އޭގެ އެއްވެސް ދައުރެއް ނޯންނާނެކަމަށެވެ. އަދި އެ ޔުނިޓުން މިހާތަނަށް 137 ރިޕޯޓެއް ރާއްޖޭގެ އެކި އެކި ތަހުޤީޤީ އިދާރާތަކާއި ހިއްސާކޮށްފައިވާއިރު، އެއިން އެއްވެސް ރިޕޯޓެއް ނުވަތަ މަޢުލޫމާތެއް އަނބުރާ ގެނެސްފައިނުވާކަން ނާސިހު ފާހަގަކުރެއްވިއެވެ.

"އެޔުނިޓާއި ހަވާލުކޮށްފައިވާ މަސައްކަތްތަކާއި ޒިންމާތައް އުފުލުމުގައި ޕްރޮފެޝަނަލް އެންމެ މަތީ މިންގަނޑުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އެފަރާތުން ވަނީ ދީފައި. މި ޤާނޫނު ވުޖޫދަށް އައުމާއެކު މި ޤާނޫނުގެ ދަށުން އެ ޔުނިޓުން މިއަދާ ހަމައަށް 137 ރިޕޯޓެއް ރާއްޖޭގެ އެކި އެކި ތަހުޤީޤީ އިދާރާތަކާއި ހިއްސާކޮށްފައިވާނެ.. އަދި މިހާތަނަށް ތަހުޤީޤީ އިދާރާއަކާއި ހިއްސާކުރި އެއްވެސް ސިޓީއެއް ނުވަތަ ރިޕޯޓެއް އަދި އެފަދަ އެއްވެސް މަޢުލޫމާތެއް އަނބުރާ ގެނެސްފައިނުވާނެކަންވެސް ރައްޔިތުންގެ މަޢުލޫމާތަކަށްޓަކާ ދަންނަވަން" ނާސިހު ވިދާޅުވިއެވެ.

ނާސިހު ވިދާޅުވީ، އެމް.އެމް.އޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި ގުޅޭގޮތުން އެމްއެމްއޭގެ ހަމައެކަނި ދައުރަކީ އެޔުނިޓަށް ބޭނުންވާ މާލީ އަދި އިދާރީ ކަންކަން ފަހިކޮށްދިނުންކަމަށެވެ. އަދި އޭގެ ބޭރުން އިތުރު ނުފޫޒެއް އެޔުނިޓަށް އެމް.އެމް.އޭއިން ނުފޯރުވާކަމަށް ނާސިހު ވިދާޅުވިއެވެ.

"މި ޤާނޫނުގެ ދަށުން އެމް.އެމް.އޭގެ ދައުރަކީ ޔުނިޓު ހިންގުމަށް ބޭނުންވާ ބަޖެޓު ހަމަޖައްސައިދިނުމާއި، އެ ޔުނިޓުގެ އިސްވެރިޔާއާއި އެހެނިހެން މުވައްޒަފުން އައްޔަނުކޮށް، އެ ޔުނިޓުގެ ހިންގުމުގެ އިދާރީ ކަންކަން ފަހިކޮށްދިނުން. އެޔުނިޓުގެ މައްސޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނީ ސީދާ އެޔުނިޓުންކަން މި ޤާނޫނުގައި ފާހަގަކޮށްފައިވޭ.. އެހެންކަމުން އެޔުނިޓުން ކަމާބެހޭ އިދާރާތަކަށް ފޮނުވާ ރިޕޯޓުތައް ފޮނުވާނީ ސީދާ އެޔުނިޓުން.. އަދި އެކަމުގައި މި އޮތޯރިޓީގެ އެއްވެސް ދައުރެއް ނޯންނާނެ" އެމްއެމްއޭގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެމް.އެމް.އޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މިނިވަން ޔުނިޓެކެވެ. އަދި މިއީ މަނީލޯންޑްރިންގެ ހަރަކާތްތަކާއި، ޓެރެރިޒަމް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި، ކުށް ކޮށްގެން ހޯދާ މުދަލާއި ގުޅޭ މައުލޫމާތު ހޯދާ ދިރާސާކޮށް، ތަހުޤީޤީ އަދި ތަންފީޒީ އިދާރާތަކަށް ފޯރުކޮށްދޭ ޤައުމީ މައި އިދާރާއެވެ.

އެފް.އައި.ޔޫއިން ތަހުޤީޤީ އިދާރާތަކަށް ފޮނުވާފައިވާ އެއްވެސް ރިޕޯޓެއް އަނބުރާ ގެނެސްފައިނުވާކަން އެ ޔުނިޓުން ހާމަކޮށްފައި މިވަނީ ރައީސް ޔާމީނާއި ގުޅުންހުރި މައްސަލައަކާ ގުޅިގެން އެފް.އައި.ޔޫއިން ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއް އަނބުރާ ނަގާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒް އަލީ ވިދާޅުވެފައިވަނިކޮށެވެ.