ޚަބަރު

ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އުސޫލުތަކާ ޚިލާފަށް- މައުމޫން


ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި މިދިޔަ ހަފްތާގައި ބޭއްވި ޕީޕީއެމްގެ ކޮންގްރެސްއަކީ އަސާސީ ޤަވާއިދާ އެޕާޓީގެ އިންތިހާބުތަކާބެހޭ ޤަވާއިދާ އަދިވެސް އެނޫން ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ބޭއްވި ކޮންގްރެސްއެއްކަމަށް ބުނެފައިވެއެވެ. އަދި ޚާއްސަ ގޮތުން ކޮންގްރެސް ބާއްވާފައިވަނީ އެޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައިނުވާ ހާލަތެއްގައިކަމަށްވެސް މައުމޫން ފޮނުއްވި ސިޓީފުޅުގައިވެއެވެ. މިކަންކަމުގެ އިތުރުންވެސް ކޮންގްރެސްއާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް މައުމޫންގެ ސިޓީފުޅުގައި ފާހަގަކޮށްފައެވެ.

ޕީޕީއެމްގެ ކޮންގްރެސްއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް މައުމޫން ސިޓީފުޅެއް ފޮނުވާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވުމުގެ ޤާނޫނީ ހުއްޖަތެއް ނެތްކަމަށެވެ.