ޚަބަރު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޑިސެމްބަރުމަހު މަސްކިރާނެ - މިފްކޯ


އައްޑޫ ފިޝަރީޒް ކޮމްޕްލެކްގެ ޚިދުމަތް އަންނަ ޑިސެމްބަރު މަހު ފަށާނެކަމަށް މިފްކޯއިން ބުނެފިއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޚިދުމަތް ފަށާއިރު، މަސް ކިރުމާއި، އައިސް ގަންނަން ލިބުމާއި، ތެލާއި ފެންވެސް މަސްވެރިންނަށް ގަންނަން ލިބޭނެކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އެގޮތުން ޢިމާރާތުގެ މަސައްކަތާއި، އައިސް ޕްލާންޓް ބެހެއްޓުމާއި، މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައްވަނީ ނިމިފައެވެ.

އަދި ފިޝަރީޒް ކޮމްޕްލެކްސްއަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް މިހާރުވަނީ ނިމިފައެވެ. މިފްކޯއިން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ޚިދުމަތް ފެށުމުގެ ކުރިން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ވާންޖެހޭ ތައްޔަރީތައް ވުމުގެ މަސައްކަތް ކަމަށެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 80 ސްޓާފުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އަދި ޚިދުމަތް ފެށުމަށްފަހު ސްޓާފުން އިތުރުކުރުމުގެ މަސައްކަތް ކުރާނެކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ތަރައްޤީކުރާ މިފަދަ ފިޝަރީޒް ކޮމްޕްލެކްސްތަކަކީ ރާއްޖޭގެ އިކި ސަރަޙައްދުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ކައިރި ސަރަޙައްދުތަކަށް މަސްކިރުވުމުގެ މަގު ފަހިކޮށްދިނުމަށް ތަރައްޤީކުރާ ކޮމްޕްލެކްސްތަކެކެވެ.

އެގޮތުން ފިޝަރީޒް ކޮމްޕްލެކްސްގެ ޚިދުމަތް ފެށުމާއެކު، މިފްކޯގެ މަސްކިރާ ބޯޓުތައްވެސް ދެކުނުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާނެކަމަށް އެކުންފުނިން ބުނެއެވެ. އަލަށް ތަރައްޤީކުރާ ފިޝަރީޒް ކޮމްޕްލެކްސްއަކީ 100 ޓަނުގެ މަސް ގަނެ ރައްކާކުރެވޭ ޖާގައިގެ ތަނެކެވެ. އެގޮތުން އެއްފަހަރާ ފަނަރަސަތޭކަ ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ކަމަށް މިފްކޯއިންބުނެއެވެ. އަދި އެއްފަހަރާ 50ޓަނުގެ އައިސް އުފެއްދޭ ނިޒާމަކާއިއެކު 50 ޓަނުގެ އައިސް ރައްކާކުރެވޭ ނިޒާމެއްވެސް އެތަނުގައިވަނީ ޤާއިމުކޮށްފައެވެ.

އަށްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ޕެކެޓުގައި ފެންމަސް ބަންދުކުރާ ނިޒާމެއް ޤާއިމުކުރަން ނިންމާފައިވާކަމަށްވެސް މިފްކޯއިން މަޢުލޫމާތުދެއެވެ.