ޚަބަރު

ލިބުނީ ހަމައެކަނި 96052 ވޯޓުކަމަށް ޤަބޫލެއްނުކުރަން - ރައީސް ޔާމީން


އިލެކްޝަންސް ކޮމިޝަނުގެ ތެރެއަށް ނުފޫޒުވަދެފައިވާކަމަށް ބެލެވޭކަންކަން ފެންނަން އެބަހުރިހަމަށާ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ ހަމައެކަނި ނުވަދިހަ ހަހާސް ފަންސާސްދެ ވޯޓުކަމަށް މިހާރު ޤަބޫލުފުޅު ނުކުރައްވާކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްގެ އޯޑިއޯއެއްކަމަށްބުނެ ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ އޯޑިއޯއާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލުކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެއިން އެމަނިކުފާނަށް ދޭހަވީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒުތައް ފޯރާފައި އޮތް ކަންކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ ހަމައެކަނި ނުވަދިހަ ހަހާސް ފަންސާސްދެ ވޯޓުކަމަށް މިހާރު ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ވޯޓަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްޤެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރެވޭ ތުޙުމަތުތަކަކީ ހަޤީޤަތުގައިވެސް ކަންބޮޑުވާންޖެހޭ ކަންތައްތަކެއްކަމަށެވެ.

ރައީ މިގޮތަށް ވާހަކަފުޅުދެއްކެވީ ރިޔާސީ އިންތިޚާބުގެ ވޯޓުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތުކޮށް ޕީޕީއެމްއިން އިންތިޒާމުކުރި އެއްވުމަކަށް ވަޑައިގެން މީޑިއާއަށް މަޢުލޫމާތުދެއްވަމުންނެވެ. މިއެއްވުން އޮތީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައެވެ. ރައީސް ޔާމީން ވިދާޅުވީ އިންސާފުހޯދަން ޕީޕީއެމްއިން މާލެއާއި އަތޮޅުތަކުގައިވެސް މަސައްކަތްތައް ކުރާނެކަމަށާ، އަދި އެކަންކަން އެމަނިކުފާނަށް ނުހުއްޓުވޭނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރިޔާސީ އިންތިޙާބުގެ ކަންކަން ހިނގައިދިޔަގޮތާ ގުޅޭގޮތުން ޕީ.ޕީ.އެމްގެ ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާ ޙިއްސާކުރައްވާނެކަމަށާ، އެކޮމިޝަންގެ މެމްބަރުންނާއި އެޕާޓީން ބައްދަލުކުރައްވާނެކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނާމެދު ކުރެވޭ ތުޙުމަތުތަކަށް އެކޮމިޝަނުން ފުރިހަމައަށް ޖަވާބުދާރީވުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.