ޚަބަރު

އުތުރު ކޮރެއާގެ ރައްކާތެރިކަން ކަށަވަރުނުވަނީސް ހަތިޔާރު ނައްތާނުލާނެކަމަށް ބުނެފި


އުތުރުކޮރެޔާގެ އަމަނާއި ސަލާމަތަށް ބޭނުންވާ ގެރެންޓީ ދިނުމުގެ ކުރިން ނިއުކްލިޔަރ ހަތިޔާރު ނައްތާނުލާނެކަމަށް އެ ޤައުމުން ބުނެފިއެވެ. ލަންޑަންގައި ނުކުންނަ ދި އިންޑިޕެންޑެންޓް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އުތުރުކޮރެޔާގެ ޚާރިޖީ ވަޒީރު ރީ ޔަންގް ހޫ ވިދާޅުވީ، އަމަނާއި ސަލާމަތަށް ބޭނުންވާ ޔަޤީންކަން ދިނުމުގެ އިތުރުން، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލުމުގެ ކުރިން އުވާލަންޖެހޭނެކަމަށެވެ.

އުތުރުކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލައި އެ ޤައުމުގައި ހުރި ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަކީ އެންމެ ކުރީއްސުރެވެސް އުސޫލެއްގެ ގޮތުން އެ ޤައުމު އެއްބަސްވާ ކަމެކެވެ. އެހެން ނަމަވެސް މިކަމަށް އުތުރުކޮރެޔާއިން ޝަރުތުތަކެއް ކުރިމަތިކުރެއެވެ. އޭގެ ތެރޭގައި އުތުރުކޮރެޔާގެ ދައުލަތަށް ބޭނުންވާ އަމަނާއި ސަލާމަތާއި ރައްކާތެރިކަން ބައިނަލްއަޤުވާމީ ފެންވަރުގައި ދިނުމާއި އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އެއްވެސް އަމަލެއް ނުހިންގާނެކަމުގެ ޔަޤީންކަން އެމެރިކާގެ ފަރާތުން ލިބުން ހިމެނެއެވެ.

މީގެއިތުރުން އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމާއި އިޤުތިޞާދީ ހުރިހާ އެހީތަކެއް އެ ގައުމަށް ދިނުމަކީވެސް އުތުރުކޮރެޔާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ދި އިންޑިޕެންޑެންޓް ނޫހަށް ދެއްވި ބަސްދީގަތުމުގައި އުތުރުކޮރެޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެ ޤައުމުގެ ޒައީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސިންގްޕޫރުގައި ބައްދަލުކުރައްވައި ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އެއްބަސްވެވަޑައިގަތީވެސް މިދެންނެވި ސަލާމަތީ ކަށަވަރުކަން އުތުރުކޮރެޔާއަށް ލިބޭގޮތަށްކަމަށެވެ.

އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އާއި ދެކުނުކޮރެޔާގެ ރައީސް މޫން ޖެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ޕިޔޮންގްޔަންގައި ބޭއްވި ސަމިޓް ބައްދަލުވުމުގައި އެ ދެ ބޭފުޅުންވަނީ ދެކޮރެޔާގެ ދެމެދުގައި އޮތް ޒަމާންވީ ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނެސް، ދެ ޤައުމުގެ ދެމެދުގައި ސުލްޙަ ޤާއިމުކުރިކަން އިޢުލާން ކުރައްވާފައެވެ.

އެ ސަމިޓަށްފަހު އެ ދެބޭފުޅުން ސޮއިކުރައްވައި ނެރުއްވި ގުޅިފައިވާ ބަޔާނުގައި ދެކޮރެޔާ ދެމެދުގައިވާ ހަނގުރާމައިގެ ހާލަތު ރަސްމީ ސިފައެއްގައި ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ހާމަކޮށްފައިވެއެވެ. އަދި ކޮރެއާ ބައްރަކީ ނިއުކްލިޔަރ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދަކަށް ހެދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށްވެސް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވިކަން އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މިއީ ދެކުނު ކޮރެޔާގެ ރައީސް މޫން ޖީ އިން އާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން މިއަހަރު ތެރޭގައި ބޭއްވެވި 3 ވަނަ ސަމިޓެވެ. މިއިން ކޮންމެ ސަމިޓެއްގައިވެސް، ކޮރެއާ ބައްރަކީ ނިއުކްލިޔަރ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދަކަށް ހެދުމަށް އެ ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވެއެވެ.
އެހެންނަމަވެސް މިކަންކުރެވެނީ އުތުރުކޮރެޔާ ބޭނުންވާ ސަލާމަތީ ކަށަވަރުކަން ދިނުމުންނާއި، ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމުންކަމަށް އުތުރުކޮރެޔާ އަބަދުވެސް ބުނަމުންގެންދެއެވެ.