ޚަބަރު

ސްރީލަންކާގެ ކޮޓެލަވާލާ ޑިފެންސް ޔުނިވަރސިޓީ ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފި


ސްރީލަންކާގެ ކޮޓެލަވާލާ ޑިފެންސް ޔުނިވަރސިޓީ ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުޞަތު ދިވެހި ދަރުވަރުންނަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންއިން ބުނީ މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ޖީ.ސީ.އީ އޯލެވެލް އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާން ވާނެކަމަށެވެ. މީގެ އިތުރުން މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއަކާގުޅޭ މާއްދާތައް ހިމަނަންވާނެ ކަމަށްވެސް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

އެޑިޕާރޓްމަންޓުން ބުނީ ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ފަރާތަކީ މި ފުރުޞަތުތަކުގެ ދަށުން އެމީހަކު ބޭނުންވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން، ތަޢުލީމު ޙާޞިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާގޮތަށް ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މީހަކަށް ވާންޖެހޭނެކަމަށެވެ.

އަދި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ އެ ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ، އެ ލޯނެއް އަނބުރާ ދައްކައި ޚަލާސްކޮށްފައިވާ މީހަކަށްވެސް ވާންޖެހޭނެކަމަށެވެ.
މި ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 2018 އޮކްޓޯބަރ 8 ވާ ހޯމަ ދުވަހުގެ ކުރިން ފޯމް ހުށަހަޅަންވާނެކަމަށްވެސް ޑިޕާޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަންއިން ބުނެއެވެ.

1980 ވަނަ އަހަރުން ފެށިގެން މަތީ ތައުލީމަށް އުނގަންނައިދެމުން އަންނަ ކޮޓެލަވާލާ ޑިފެންސް ޔުނިވަރސިޓީން މިފަހަރު 16 ރޮނގަކުން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.