ޚަބަރު

ބަސަރާގައި ހުރި އެމެރިކާގެ ކޮންސިއުލޭޓަށް އިންޒާރެއް ނުދެން: އީރާން


އިރާޤުގެ ރަށެއް ކަމަށްވާ ބަސަރާގައި ހުންނަ އެމެރިކާގެ ކޮންސުލޭޓަށް އިންޒާރު ދިނުމުގެ ފަހަތުގައިވަނީ އީރާނު ކަމަށް ބުނެ އެމެރިކާއިން ކޮށްފައިވާ ތުހުމަތުތައް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ދޮގުކުރައްވައިފިއެވެ.

އެމެރިކާގެ ސީ.އެން.އެން އަށް ދެއްވި ބަސްދީގަތުމެއްގައި ޒަރީފް ވިދާޅުވީ، އިރާޤުގައި އީރާނުގެ ނުފޫޒު އޮތް ނަމަވެސް މީގެ މާނައަކީ އިރާޤުގެ ރައްޔިތުން އީރާނަށް ކޮންޓްރޯލް ކުރެވޭނެއެކޭ ނޫންކަމަށެވެ.

ޒަރީފް ވިދާޅުވީ، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ދާދި ފަހުން އީރާނާ ދެކޮޅަށް ދެއްވާފައިވާ އިންޒާރުތަކަކީ އެއްވެސް މަޤްސަދެއް ހާސިލްކުރުމަށް ދީފައިވާ އިންޒާރުތަކެއް ނޫންކަމަށެވެ.

އަދި މި ބޭފުޅުންގެ މި ސިޔާސަތާ މެދު އަލުން ވިސްނަން ޖެހޭކަމަށް ވެސް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އެމެރިކާއިން ހުކުރު ދުވަހު ބުނެފައިވަނީ އިރާޤުގެ ބަސަރާގައި ހުންނަ އެމެރިކާގެ ކޮންސުލޭޓް އެ ޤައުމުން ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި އޮފީސް ބަންދުކުރުމަށް ނިންމީ އީރާނާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާޢަތްތަކުން އެތަނަށް ދޭ އިންޒާރުތަކާ ހަމަލާތައް އިތުރުވުމުން ކަމަށް، އެމެރިކާއިން ބުނެފައިވެއެވެ.