ޚަބަރު

ކުރިއަށް އޮތް ފަސްދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ - މެޓް


ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައަށްވުމާއެކު ކުރިއަށް އޮތް ފަސް ދުވަހުވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވައިގަދަވެ، ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން، ވަކިން ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުކުރާއިރު ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ޑިސެމްބަރު މަހާއި ހަަމައަށް ދެމިގެންދާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އާދައިގެ ވަރަކަށް ވިއްސާރަކުރާނެކަމަށާއި އެހެންނަމަވެސް ކ އަތޮޅާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވިއްސާރަކުރާނެކަަމަށް ލަފާކުރެވޭކަމަށެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބައެއް ރަށްރަށަށް ފެންބޮޑުވެ އުދައެރިނަމަވެސް އެއްވެސް ރަށަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެއެވެ.