ޚަބަރު

ބަޖެޓަށް ބަދަލުތައް ގެނައުމުގެ ފުރުޞަތު އިންތިޚާބީ ރައީސަށް ދެއްވައިފި


އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތަކާއެކު ބަޖެޓް ތައްޔާރުކޮށްދެއްވުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުއަށް ދަންނަވާފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުގައި ހިމަނަން ބޭނުންވާ އިދާރީ ބަދަލުތަކާއި އައު ސިޔާސަތުތަކުގެ ތަފްޞީލް ހިމެނޭހެން ބަޖެޓެއް ތައްޔާރު ކޮށްދެއްވުމަށް އިންތިޚާބީ ރައީސްގެ އަރިހުން އެދިފައިވާކަމަށެވެ. އަދި ބަޖެޓު ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފިނޭންސް މިނިސްްޓްރީން ހަމަޖައްސައިދޭނެކަމަށްވެސް އެމިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އަލަށް އިންތިޚާބުވި ސަރުކާރުން ދައުލަތާއި ޙަވާލުވާއިރު، ޤާނޫނުގައި ކަނޑައަޅާފައިވާ ބަޖެޓު ހުށަހެޅުމުގެ ސުންގަޑި ހަމަވާނެތީ، އައު ސަރުކާރުގެ އޮނިގަނޑާއި ސިޔާސަތު ހިމެނޭފަދަ ބަޖެޓެއް އެކުލަވާލުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެމަސް ދުވަސް ކުރިން ބަޖެޓް ހުށަހަޅަންޖެހޭއިރު މިދިޔަ މާޗުމަހުން ފެށިގެން ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.