ވަޒީފާގެ ކުރިއެރުން ދިނުމުގައި ވަކި ފިކުރަކަށް ނުބަލާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ އިސް ބައެއް މުވައްޒަފުންނާއި މިއަދު ހަވީރު ކަސްޓަމްސް އޮފީހުގައި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކޮންމެ ތަނެއްގައިވެސް ތަފާތު ސިޔާސީ ފިކުރުގެ މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެއްވެސް މުވައްޒަފަކު ސަރުކާރަށް ތާޢީދު ކުރުމަށް ބާރު ނާޅާނެ ކަމަށާއި މިނިވަންކަމާއި އެކީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ކޮންމެ މުވައްޒަފަކަށްވެސް ދެއްވާނެ ކަމަށް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ކަސްޓަމްސް އަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން ވަރަށް ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް ފޯރުކޮށްދޭ ތަނެއް. އަޅުގަނޑު މިއަދު މި ހުރިހާ ބޭފުޅުންގެ ކިބައިން މިއަދު މި އެދެނީ ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއް ނެތި އެންމެނަށް ހަމަހަމަކޮށް ޚިދުމަތްތައް އަދާ ކޮށްދެއްވާށޭ،" އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.
އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަޞީމްވެސް ބައިވެރިވެވަޑައިގެންނެވި މި ޙަފްލާގައި އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގައި ހިނގާނީ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގަންނަވާނީ ރައްޔިތުންގެ ރައީސަކަށް ކަމަށް ވިދާޅުވާ ވިދާޅުވުން އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ ތަކުރާރު ކުރައްވާފައެވެ. އިބްރާޙީމް މުޙައްމަދު ޞާލިހު ވިދާޅުވީ މިވަގުތަކީ އެންމެން އެކީގައި މަސައްކަތް ކުރަންޖެހިފައިވާ ވަގުތެއް ކަމަށެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދާއި ކަސްޓަމްސްގެ ބައެއް އެހެން އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.