ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ ފެނަކަ ކޯޕަރޭޝަނުން މުހިއްމު ބައެއް ކަހަލަ ލިޔެކިޔުންތައް ނައްތާލަން މަސައްކަތްކުރާކަމަށް ކުރަމުންދާ ތުހުމަތުތައް އެކުންފުނިން ދޮގުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުގެ މައިއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގޑިރެކްޓަރު މުޙައްމަދު ލަމްޢާން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ މުހިއްމު ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަޤީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް އެ ކުންފުނިން ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލަމްއާން ވިދާޅުވިއެވެ.
ލަމްޢާން ވިދާޅުވީ މިހާރު ހިނގަމުންމިދާ ރައީސް ޔާމީންގެ ސަރުކާރަކީ ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިތުރުން އުޞޫލުތަކަކަށް ތަބާވާ ސަރުކާރަކަށްވީހިނދު، ފެނަކަ ކޯޕަރޭޝަނަކީވެސް އެ އުޞޫލުތަކަށް ތަބާވެގެން ކުރިއަށްދާ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން ނައްތާލާނެ ޑޮކިއުމެއްޓެއް އަދި ކުރާނެ އެފަދަ ނޭދެވޭ އެއްވެސް ކަމެއް ނޯންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލަމްއާން ވިދާޅުވީ ކަރަންޓާއި ފެނުގެ އިތުރުން ނަރުދަމާގެ ޚިދުމަތް ދޭން ސަރުކާރުން އުފައްދާފައިވާ ކުންފުނިން ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ބޭނުންތެރި މުހިއްމުކަން ބޮޑު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކުންފުންޏަކާ ގުޅޭގޮތުން އަދި އެކުންފުނީގެ މުވައްޒަފުންގެ އަގުވެއްޓޭ ގޮތަށް ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނިން ދިވެހި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން ކަންތައްތައް އިންތިޒާމް ކުރައްވާނެ ކަމަށާއި، އެއާއެކު އުފެދިގެން އަންނަ އައު ސަރުކާރަށް އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަނުންވަނީ ދީފައެވެ.