ޚަބަރު

އެމެރިކާއަށް ކުރެވޭ އިތުބާރު ކުޑަވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހުރެ: އުތުރު ކޮރެއާ


އުތުރު ކޮރެއާއާ ދެކޮޅަށް އަދިވެސް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުން އެ ޤައުމުން އެމެރިކާއަށް ކުރަމުންދާ އިތުބާރު ކުޑަވަމުންދާކަމަށް އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ރީ ޔޮންގް ހޯ މިހެން ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ އދގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަޤްރީރުކުރައްވަމުންނެވެ.

ރީ ވިދާޅުވީ، މި އަހަރުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ނިއުކްލިޔަރ އަދި މިސައިލް މަޝްރޫޢުތައް ހުއްޓުވުމުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި، މީގެ ތެރޭގައި ނިއުކްލިޔަރ ޓެސްޓްތަކާއި މިސައިލް ޓެސްޓްތައް ހުއްޓުން ހިމެނޭކަމަށެވެ. އަދި އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރުތައް ނައްތާލުމަށް ވަޢުދުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ބަދަލުގައި އެމެރިކާއިން މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅާތަނެއް ފެނިފައި ނުވާކަމަށް އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ރީ ވިދާޅުވީ، އެމެރިކާއަށް އޮންނަ އިތުބާރާ ނުލާ އުތުރު ކޮރެއާގެ ޤައުމީ ސަލާމަތް ހިފަހައްޓިގެންދާނެ ކަމުގެ ޔަޤީންކަން އެ ޤައުމަށް ނުލިބޭ ކަމަށެވެ.

އަދި މިފަދަ ޙާލަތެއްގައި އެއްވެސް ޝަރުތަކާ ނުލާ އެ ޤައުމުން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ދޫކޮށްނުލާނެ ކަމަށްވެސް ރީ ވިދާޅުވިއެވެ. ހުސްވި ހަފުތާގައި ވެސް އެމެރިކާއިން ވަނީ އދގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ބައިވެރިންނަށް ގޮވާލާފައެވެ.