ޚަބަރު

އިންޑޮނޭޝިޔާގެ ބައެއް ސަރަޙައްދުތަކަށް އެހީ ފޯރުވައިދޭން ދަތިވެފައި


އިންޑޮނޭޝިޔާގެ ޖަޒީރާ ރަށެއް ކަމަށްވާ ސުލަވަސީގެ ކައިރިން ކަނޑުގެ އަޑިން އައި ބާރުގަދަ ބިންހެލުމާއި، އޭގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރުކޮށް ހާލުގައިޖެހިފައިވާ މީހުންގެ ތެރެއިން، އެކަހެރި ހިސާބުތަކުގައި ދިރިއުޅޭ ގިނަ މީހުންނަށް އެހީފޯރުކޮށްދިނުމުގައި ހުރަސްތަކާ ކުރިމަތިވަމުންދާކަމަށް އެހީދޭ ޖަމާޢަތްތަކުން ބުނެފިއެވެ. މި ކާރިސާގައި މިހާތަނަށް އަށްސަތޭކައަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ދައްކާއިރު އިންޑޮނޭޝިޔާގެ ކަމާބެހޭ އިދާރާތަކުން ބުނީ މި ޢަދަދު އެތައް ގުނައަކުން އިތުރުވުމަކީ އެކަށިގެންވާ ކަމެއްކަމަށެވެ.

ޕެސިފިކް ރިންގް އޮފް ފަޔަރގައި އޮންނަ އިންޑޮނޭޝިޔާއަކީ އަހަރެއްގެ ތެރޭގައި އެތައް ބައިވަރު ބިންހެލުމަށް އަންނަ ޤައުމަކަށްވާއިރު އެ ޤައުމުގެ ރައްޔިތުންނަކީ މިފަދަ ކާރިސާއެއްގެ ބިރުވެރިކަމާ ހިތާމަވެރިކަމަށް، ދުވަސް ދުވަސްކޮޅުން ހުށަހެޅޭ ބައެކެވެ. މިދިޔަ ހުކުރު ދުވަހުވެސް އިންޑޮނޭޝިޔާއަށް މިވަނީ އަނެއްކާވެސް މިފަދަ ކާރިސާއަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޤައުމުގެ އުތުރުގެ ރަށެއް ކަމަށްވާ ސުލަވަސީގެ ކައިރިން ކަނޑުގެ އަޑިއަށް، ރިކްޓަރ މިންގަނޑުން ހަތެއް ޕޮއިންޓް ފަހެއްގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން މިވަނީ، އެ ސަރަހައްދަށް ސުނާމީ އަރާފައެވެ. އެ ހާދިސާތަކުގެ ސަބަބުން މިހާތަނަށް ހަތަރު ސަތޭކަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ވިހި ފޫޓަށް އުފުލުނު ސުނާމީ ރާޅުގެ ސަބަބުން ސުލަވަސީގެ ސަރަހައްދެއް ކަމަށްވާ ޕާލޫގެ ގިނަ ހިސާބުތަކަށް މިކަމުގެ އަސަރުކޮށްފައިވާނެކަމަށް ބެލެވޭކަމަށް އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެ ފަރާތްތަކުން ބުނެފައިވަނީ މި ހާދިސާގެ ސަބަބުން ޕާލޫގެ އެކަހެރި ހިސާބުތަކާ އޮންނަ މުވާސަލާތީ ގުޅުންތައް ކެނޑިފައިވާކަމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް މި ސަރަހައްދުތަކަށް ދިއުމަށް ހުރަސްތައް އެޅިފައިވާކަމަށެވެ.

އެހެންކަމުން މި ސަރަހައްދުތަކަށް ލިބުނު ގެއްލުން އަންދާޒާ ކުރަން އުނދަގޫވެފައިވާއިރު މި ޙާދިސާގައި މަރުވި މީހުންގެ އަދަދު އެއްހާހަށް އެރުމަކީ އެކަށިގެންވާ ކަމެއް ކަމަށްވެސް އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. 2004 ވަނަ އަހަރުގެ ގެއްލުނު ދެނިވި ސުނާމީއަށް ފަހު، ދެން މިފަދަ ކާރިސާއެއް ކުރިމަތިވުމުގެ ކުރިން އިންޒާރު ދޭނެ ނިޒާމެއް މުޅި އިންޑޮނޭޝިޔާގައި ވެސް ޤާއިމުކުރިއެވެ.

ހުކުރު ދުވަހުގެ ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ކުޑުކުރުމުގައި މި ނިޒާމު އަދާކޮށްފައިވާ ދައުރާ މެދު ގިނަ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެ ފަރާތްތަކުން ބުނެފައިވަނީ އިންޑޮނޭޝިޔާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިންޒާރު ދިންތާ ތިރީސް ހަތަރު މިނެޓް ފަހުން އިންޒާރު އަނބުރާ ގެންގޮސްފައި ކަމަށާއި، ސުނާމީގެ ބޮޑު ރާޅު އައިސްފައިވަނީ އިންޒާރު އަނބުރާ ގެންދިޔަ ފަހުންކަމަށްވާތީ، އެ ނިޒާމާ މެދު ސުވާލު އުފެދޭކަމަށެވެ.

މި ޙާދިސާގެ އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ ކަމަށް އިންޑޮނޭޝިޔާއިން އަދި ބުނެފައި ނުވާނަމަވެސް ތުރުކީވިލާތުން ވަނީ އިންސާނީ އެހީގެ ސާމާނު އިންޑޮނޭޝިޔާއަށް ފޮނުވާފައެވެ. އެ ޤައުމުން ބުނެފައިވަނީ، އިންޑޮނޭޝީޔާއަށް އިތުރު އެހީ ދޭން އެ ޤައުމުން ތައްޔާރުކަމަށެވެ. އޮސްޓްރޭލިޔާއިން ވެސް ވަނީ އިންޑޮނޭޝިޔާއަށް އެހީވުމަށް ތައްޔާރުކަމަށް ބުނެފައެވެ.