ޚަބަރު

ހޯނޑެއްދޫ-މަޑަވެލި ކޯޒްވޭގެ މައްސަލަ ހައްލުކޮށްދޭނަން - އެމްޓީސީސީ


ހޯނޑެއްދުއާ މަޑަވެއްޔާ ދެމެދު އަޅާފައިވާ ކޯޒްވޭއަށް ދިމާވީ ޑިޒައިން ކުރުމުގެ މައްސަލައެއްކަމަށާއި އެމައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ލަތީފް ވިދާޅުވީ ހޯނޑެއްދުއާ މަޑަވެއްޔާ ދެމެދު އެކުންފުނިން އަޅާފައިވާ ކޯޒްވޭގައި ދިމާވެގެން އުޅެނީ އޮއެ ދެމޭގޮތަށް ކަނޑާފައިވާ ތަން ކުޑަވުމުގެ ސަބަބުން ދިމާވާ މައްސަލައެއްކަމަށެވެ. އަދި މިހާރު މިމައްސަލަ ޙައްލުކުރުމަށް ހައުސިންގ މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ހޯނޑެއްދޫ ކައުސިންލްގެ ރައީސް މުޙައްމަދު ނިޔާޒް ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ކޯޒްވޭ މަތިން ފެންގަނޑު އަރަނީ ރަށު ތެރެއަށްކަމަށެވެ. މިމައްސަލަ މީގެ ކުރިން ދިމާވެގެން އެކަމުގެ ޝަކުވާ ކުރުމުން އެމްޓީސީސީންވަނީ ކޯޒްވޭ މައްޗަށް ވެލިއަޅާ ކޯޒްވޭ ރަށުގެ ފަސްގަނޑަށްވުރެ އުސްކޮށްފައިކަމަށާއި މިކަމުގެ ސަބަބުންވެސް އުދައިގެ މައްސަލަ ޙައްލު ނުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހޯނޑެއްދޫ ކައުންސިލުން ބުނީ އެރަށަކީ ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ރަށެއްކަމުން މިކޯޒްވޭ އޮންނަ ސަރަޙައްދުން ރަށުތެރެއަށް ލޮނުފެން ވަންނަމުންދާތީ ދަނޑުތަކަށް ގެއްލުންވަމުންދާތަކަމަށެވެ. މިކަން ޙައްލުކުރުމަށް ދެރަށުގެ ރައްޔިތުން ނުކުމެ ހޯނޑެއްދޫއާއި ދިމާލުން ކޯޒްވޭ ވަކިކޮށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ހޯޑެއްދޫ އަދި މަޑަވެލި ކޯޒްވޭއަކުން ގުޅާލުމަށް ދައުލަތުންވަނީ ނަވާވީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ލަތީފް ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިކޯޒްވޭއަށް ދިމާވާ މައްސަލައަކީ އޮއެ ދެމުމުގައި ދިމާވެފައިވާ މައްސަލައެއްކަމަށެވެ. އެގޮތުން ކޯޒްވޭ ދަށުން އޮއެ ދެމޭގޮތަށް ކަނޑާފައިވާ ތަނަކީ އެސަރަޙައްދަށް އެކަށީގެންވާވަރަށް ވުރެ ކުޑަތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެމްޓީސީސީން ބުނީ ހޯނޑެއްދޫ ކޯސްވޭގެ މަސައްކަތް ކުރިއަށްގެންދިޔައީ ހައުސިން މިނިސްޓްރީން ދެއްވި ޑިޒައިނަކާއެއްގޮތަށް ކަމަށެވެ. މިކަމާ ގުޅިގެން ހައުސިންގ މިނިސްޓްރީގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.