ޚަބަރު

އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް 2 އަހަރު، ޚިދުމަތް އިތުރަށް ފުޅާކުރަނީ


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ ޝޯރޫމް އިތުރަށް ބޮޑުކޮށް ޚިދުމަތް ފުޅާކުރާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ދޭ ޚިދުމަތްތަކާއި ވިއްކާ ތަކެތި ފަސޭހަކަމާއެކު އެއްތަނަކުން ފޯރުކޮށްދިނުމަށްޓަކައި ހުޅުވާފައިވާ ޝޯރޫމަށް 2 އަހަރު ފުރުން މިއަދު އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މި ޚިދުމަތަށް 2 އަހަރުފުރުން ފާހަގަކުރުމަށްޓަކައި އެކުންފުނިން ނެރުނު ބަޔާނުގައި ވަނީ އެކުންފުނީގެ ޝޯރޫމަށް 2 އަހަރު ފުރުނު އިރު، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް އެ ޝޯރޫމުން ފޯރުކޮށްދެވިފައިވާކަމަށެވެ. އަދި ކުރިއަށްއޮތް އަހަރުގެ ތެރޭގައި ޝޯރޫމް އިތުރަށް ބޮޑުކޮށް، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާކަމަށް މި ބަޔާނުގައިވެއެވެ.

އެމްޑަބްލިއުއެސްސީ ޝޯރޫމް މެދުވެރިކޮށް ފެނުގެ ކޮލިޓީ ޓެސްޓް ކުރުމުގެ ޚިދުމަތްދަނީ ދެމުންނެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނާއި، އާރުއޯ ސްޕެއަރއާއި، ފެނާ ގުޅުން ހުރި ގިނަ ބާވަތްތައް އެކުންފުނީގެ ޝޯރޫމުން ލިބެން ހުންނާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެމްޑަބްލިއުއެސްސީގެ ޝޯރޫމްގައި ވިއްކާ ސާމާނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، އަދި އެކްސްލޫސިވްކޮށް ޑިސްޓްރިބިއުޓްކުރުމުގެ ހުއްދަ ލިބިފައިވާ ބްރޭންޑްތަކެއްކަމަށް އެ ކުންފުނިން ބުނެއެވެ.

"އެމްޑަބްލިއުއެސްސީ ޝޯރޫމް" ހުޅުވާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. މި ޝޯރޫމް ހުންނަނީ ނިކަގަސްމަގުގައި ހުންނަ އެމްޑަބްލިއުއެސްސީ ޢިމާރާތުގައެވެ.