ޚަބަރު

އިތުރު އެލަވަންސަކާއެކު ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި


ކަސްޓަމްގެ މުވައްޒަފުންނަށް ޓެކްނިކަލް ކޯ އެލަވަންސްދޭން ނިންމައި، މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމް ސަރވިސްގެ މުވައްޒަފުންގެ ޤަވާއިދަށް މިދިޔަ އަންގާރަދުވަހު ގަނައި އިސްލާހުގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ޓެކްނިކަލްކޯ އެލަވަންސް ވަނީ ދޭންފަށާފައެވެ. މި ޤަވާއިދުގެ ދަށުން ޓެކްނިލަކް ކޯ އެލަވަންސް ދޭނީ ކަސްޓަމްސްގެ ދާއިރާއާގުޅޭ ތަޢުލީމް ޙާޞިލްކޮށްފައިވާ މުވައްޒަފުންނަށް އެކަންޏެވެ. އެގޮތުން ތަޢުލީމު ޙާޞިލްކޮށްފައިވާ މިންވަރަށް ބަލައި 500 އިން ފެށިގެން 1500 އާ ދެމެދުގެ ޢަދަކަށް އެލަވަންސް ކަނޑައަޅާފައިވެއެވެ.

ކަސްޓަމްސްގެ މުވައްޒަފުންގެ ޤަވާއިދަށް ގެނައި އިޞްލާހުގެ ދަށުން ކަސްޓަމްސް މުވައްޒަފުން ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކު ސަރވިސް އެލަވަންސްގެ ގޮތުގައި 200 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އެލަވަންސް ދޭނީ އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތަކާއި ވިހެއުމާ ގުޅިގެން މުވައްޒަފުންނަށް ލިބޭ ޗުއްޓީގައި ހުންނަ ދުވަސްތައް ނުހިމަނާ ކަމަށް އެ ގަވާއިދުގައިވެއެވެ.

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާއިދަށް ގެނައި އިސްލާހަށް މިމަހުގެ 25 ވަނަ ދުވަހުންފެށިގެން ވަނީ ޢަމަލުކުރަން ފަށާއެވެ.