ޚަބަރު

ހިތުގެ ދުވަސް ފާހަގަކުރުމަށް ޓައިނީ ހާޓްސްއިން މާލެ ރަތް ކުލައިން ދިއްލާލާއިފި


ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ހިތުގެ ދުވަސް ފާހަގަކުރުމަށް ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން މާލޭގެ ބައެއް ތަންތަން ރަތް ކުލައިން ދިއްލާލައިފިއެވެ.

ހިތުގެ ދުވަސް ފާހަގަކުރުމަށް ޓައިނީ ހާޓްސްއިން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ރަތް ކުލައިން ދިއްލާފައި ވަނީ ސުނާމީބިނާއާއި އިއްޒުއްދީން ފާލަމުގެ އިތުރުން ދިރާގުގެ ހެޑް އޮފީސް ޢިމާރަތެވެ.

ހިތުގެ ބަލިތަކާ މެދު އާއްމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ ޓައިނީ ހާޓްސްއިން ބުނީ މި ޙަރަކާތުގެ މަޤްސަދަކީ ހިތުގެ ބައްޔާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުންކަމަށެވެ.

ވޯލްޑް ހާޓް ފެޑެރޭޝަނުން ފާހަގަކުރާ ހިތުގެ ދުވަހާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ތަފާތު ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. ހިތުގެ ދުވަހާ ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރުގެ އަމާޒަކީ އަމިއްލަ ހިތާއި ޢާއިލާއާއި ގާތްތިމާގެ މީހުންނާއި ލޯބިވާ މީހުންގެ ހިތްތަކަކީ ދުޅަހެޔޮ ހިތްތަކަކަށް ހެދުމަށްޓަކައި ހިތުގެ ދުޅަހެޔޮކަމަށް ސަމާލުވެ، އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް ބާރުއެޅުމަށް ހިތްވަރު ދިނުމެވެ.