ޚަބަރު

ވެރިކަން ބަދަލުކުރުމުގެ ރަސްމީ މަސައްކަތް ފަށައިފި، ސިޔާސީ ގޮތުން އިސްކޮށް ހުންނަވާނީ ޝާހިދު


ވެރިކަން ބަދަލުކުރުމުގެ މަރުޙަލާތައް ރަސްމީކޮށް ފަށާފައިވާކަމަށާއި، މި މަރުޙަލާ ވިލަރެސްކުރުމުގައި އެމްޑީޕީ ފަރާތުން އިސްކޮށް ހުންނަވާނީ ކުރީގެ މަޖިލިސް ރައީސް ޢަބްދުﷲ ޝާހިދުކަމަށް އިންތިޚާބީ ރައިސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު މީޑިއާއާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އިންތިޤާލީ މަރުހަލާގެކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމުގެ މަސައްކަތް ގުޅިފައިވާ އިއްތިހާދުން ކުރަމުންދާކަމަށެވެ. އެގޮތުން ސިވިލް ސަރވިސް ކޮމިޝަނާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް މީހަކު އައްޔަންކުރުމުގެ މަސައްކަތް ފަށައި، ވެރިކަން ބަދަލުކުރުމުގެ ކަންކަން އިންތިޚާބީ ރައީސްގެ ފަރާތުން ބެލެހެއްޓުމުގައި ސިޔާސީގޮތުން އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދުކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކުގެ ލިޔެކިޔުންތަށް ނައްތާލާ ވާހަތައް އަޑުއިވޭތީ ކަންބޮޑުވާކަމަށާއި، މިފަދަ ކަންކަން ނުކުރުމަށް އިންތިޚާބީ ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުން ދުނިޔޭގެ އިތުރު ޤައުމުތަކުގެ އިސްވެރިން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައިވާކަމަށެވެ. އެގޮތުން ސައުދި އަރަބިއްޔާ، އޮސްޓްރޭލިއާ، ކެނެޑާ އަދި އިނގިރޭސިވިލާތުން އެމަނުކުފާނަށް ތަހުނިޔާގެ މެސެޖްތައް ފޮނުވާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.