ޚަބަރު

ރިޔާސީ އިންތިޚާބަށް އެއްވެސް ފަރާތަކުން ނާޖާއިޒު ނުފޫޒެއް ނުފޯރުވާ - ޝަރީފް


ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަށް އެއްވެސް ފަރާތެއްގެ ނުފޫޒު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ކުރިމަތިވެފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުންގެ ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދިޔައިރު ކޮމިޝަނުގެ ބައެއް މެންބަރުން މަސައްކަތްކުރަނީ ފަރާތެއްގެ ނުފޫޒުގެ ދަށުން ކަމަށް ތުހުމަތު ކުރަމުން ދިޔަކަމަށެވެ. އަދި އިންތިޚާބު ނިމުމުންވެސް ކޮމިޝަނުގެ މެންބަރުންތަކެއް ރިޝްވަތު ހިފީކަމަށްބުނެ ބައެއްފަރާތްތަކުން ވާހަކަދެއްކި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. ކޮމިޝަނުގެ މެންބަރުން މަސައްކަތްކުރަނީ ނުފޯޒެއް އޮވެގެން ނޫންކަމަށާއި، ހުރިހާ މެންބަރުންވެސް މަސައްކަތްކުރީ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން މިނިވަންސް އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ އިންތިޚާބާ ގުޅިގެން ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް އެކޮމިޝަނުގެ މެންބަރުންނަށް ތުހުމަތުކޮށް ތަފާތުވާހަކަތައް ފަތުރަމުންދިޔަކަމަށާއި، ފުރާނައަށް ގެއްލުންދޭނެކަމަށްބުނެ ފޯނުކޯލްތައްވެސް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް ދާއިމީ ނަތީޖާއާ ހަމައަށް އިންތިޚާބުގެ އެއްވެސްކަމެއް ކުރުމަށް އެކަމުގެ ސަބަބުން މެންބަރުން ފަސްޖެހިފައިނުވަނީ ދައުލަތުގެ ސަލާމަތީ ބާރުތަކުން އެކޮމިޝަނުގެ ހުރިހާ މެންބަރުންނަށް ސަލާމަތީ ރަށްކާތެރިކަން ފޯރުކޮށްދީފައިވާތީކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ މިހާތަނަށް ކޮމިޝަނުގެ މެންބަރުންނާ ގުޅޭގޮތުން އެކި ގޮތްގޮތަށް އެކި މީހުން ދެއްކި ވާހަކަތަކާމެދު ފިޔަވަޅު ނޭޅިނަމަވެސް ދާއިމީ ނަތީޖާއަށްފަހު އެފަދަ ކަންކަން ތަކުރާރުވާނަމަ އެކަން ކުރާބަޔަކާމެދު ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ގޮވާލާނެކަމަށެވެ.

ސެޕްޓޭމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ މިހާތަނަށް އެންމެ އަމާންކޮށް ރާއްޖޭގައި ބޭއްވި އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. އަދި ބޭރުގެ އޮބްޒާވަރުންނާއި، ބާއިނަލްއަޤްވާމީ އެކިއެކި ޖަމާއަތްތަކުންވެސް އެކަން ފާހަގަކުރެއެވެ.