ޚަބަރު

މިއީ ވަޠަނީ އުޞޫލުތަށް ދޫކޮށްނުލުމުން ދިން އަދަބެއްނަމަ އެކަން ޤަބޫލުކޮށްފިން - ރައީސް ޔާމީން


ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަކީ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމާއި ބޭރުގެ ނުފޫޒަށް ޖާގަ ނުދިނުންފަދަ ވަތަނީ އުޞޫލުތަށް ދޫކޮށްނުލެއްވުމުން ދިން އަދަބެއްކަމަށް ވާނަމަ އެއަދަބު ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ކުރިމަގުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެގޮތުގައި ޕީޕީއެމް ފެނިގެންދާނެކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްއަކީ އަބަދުވެސް ފަރުދީ ފައިދާއަށްވުރެ ބޮޑަށް ޤައުމިއްޔަތު އިސްކުރާނެ ބަޔެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެޕާޓީ ދޫކޮށް ދިޔަ ކޮންމެ މީހަކީވެސް އުޞޫލަށް ތަބާނުވެވުމުގެ ސަބަބުން ދުރަށް ދާންޖެހުނު ބައެއްކަމަށެވެ.

ޕީޕީއެމްއާއި މިހަރު ހިނގަމުން އަންނަ އެޕާޓީގެ ސަރުކާރަށް ކުރިމަތިވެ ބައެއް ބޮޑެތި ދަރިތަކާއި ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނުވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއަށް ނިސްބަތްވި މެމްބަރުންތަކެއް އެޕާޓީއާ ދުރަށް ދިޔަދިއުމަކީ ޕާޓީގެ އެތެރެއިން ހިންގި ބަޣާވާތެއްގެގޮތުގައި ރައީސް ޔާމީން ސިފަކުރެއްވިއެވެ.

ޕާޓީގެ ޢާންމު މެމްބަރުންނަކީ ޕާޓީހިންގުމުގެ މައި ބާރުގެގޮތުގައި ސިފަކުރައްވަމުން އެމަނިކުފަނުވަނީ ޢާއްމު މެމްބަރުންގެ ދައުރު ފުޅާކޮށް ޕާޓީއިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަކީ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމާއި ބޭރުގެ ނުފޫޒަށް ޖާގަ ނުދިނުންފަދަ ވަތަނީ އުޞޫލުތަށް ދޫކޮށްނުލެއްވުމުން ލިބިވަޑައިގެންނެވި އަދަބެއްކަމަށް ވާނަމަ އެއަދަބު ޤަބޫލުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިނާކާމިޔާބީއަކީ އެމަނިކުފާނު ޤައުމަށް ކޮށްދެއްވާ ޚިދުމަތް މެދުކެނޑޭނެ ސަބަބަކަށް ނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވަނީ ޤައުމުގެ ތަރައްޤީ، އެހެން ހުރިހާކަމެއްގެ މައްޗަށް އިސްކުރެއްވުމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ސަރުކާރަށް ގޮވާލައްވާފައެވެ.