ޚަބަރު

އަފްޣާނިސްތާނުގެ ޠާލިބާނުންނާއި ސަރުކާރުން މަޝްވަރާކުރަމުންދަނީ


އަންނަ އޮކްޓޯބަރު މަހު އަފްޣާނިސްތާނުގައި ބާއްވާ ޢާއްމު އިންތިޚާބުގެ ކުރިން މަޝްވަރާކުރުމަށް، އަފްޣާނިސްތާނުގެ ޠާލިބާނުންގެ ވަފުދަކާއި އެ ޤައުމުގެ ސަރުކާރުގެ ވަފުދެއް ބައްދަލުކޮށްފިއެވެ. ޠާލިބާނުންގެ ފަރާތުން ވާހަކަދެއްކި ފަރާތެއް ބުނީ މި ބައްދަލުކުރުން ކުރިއަށްގެންދިޔައީ ސައުދީ ޢަރަބިއްޔާގައިކަމަށެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ ވަފުދަކާ ތާލިބާނުންނާ ބައްދަލުކޮށްފައި މިވަނީ އަފްޣާނިސްތާނުގައި އަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބަށް އެ ޤައުމުގެ ސަރުކާރާއި ސިޔާސީ ފަރާތްތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މި އިންތިޚާބު އެއްވެސް ހަމަނުޖެހުމަކާ ނުލައި، ސުލްޙަވެރި ކަމާއެކު ނިމިގެން ދިއުމަކީ އަފްޣާނިސްތާނުގެ ސަރުކާރާއި އެ ޤައުމަށް އެއްބާރުލުންދޭ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން އިސްކަން ދޭ ކަމަކަށްވާ ނަމަވެސް، އިންތިޚާބަށް އަމާޒުކޮށް މީގެ ކުރިންވެސް އެ ޤައުމުގައި ވަނީ ހަމަލާތައްދީފައެވެ. އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރުން މި އަހަރު އެކިފަހަރުގެ މަތިން ޠާލިބާނުންނާ އެކު މަޝްވަރާކުރަން ބޭނުންކަމަށް ވިދާޅުވެފައިވާއިރު މީގެ ކުރިން ޠާލިބާނު ޖަމާޢަތުން ވަނީ ޣަނީގެ މި އެދުންތަކަށް ދެކޮޅުހަދާފައެވެ.

މިފަދަ ދަނޑިވަޅެއްގައި، ސައުދީ ޢަރަބިއްޔާގައި އަފްޣާނިސްތާނުގެ ސަރުކާރުގެ ވަފުދަކާއި ޠާލިބާނުންގެ ވަފުދާ ބައްދަލުކޮށްފައިވާއިރު، މި ބައްދަލުވުމާ ބެހޭގޮތުން ވާހަކަދައްކަމުން ޠާލިބާނު ޖަމާޢަތުގެ އޮފިޝަލެއް ބުނީ މި ބައްދަލުވުމުގައި އަފްޣާނިސްތާނު ސަރުކާރުން ވަނީ އޮކްޓޯބަރު މަހުގެ އިންތިޚާބު ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިފައިކަމަށެވެ.

ޠާލިބާނުންގެ އޮފިޝަލު ބުނީ އަފްޣާނިސްތާން ސަރުކާރުގެ ވަފުދުން ވަނީ ޠާލިބާނުންގެ ތެރެއިން ހައްޔަރުކޮށްފައިވާ ބައެއް ޤައިދީން މިނިވަންކުރުމަށް އެއްބަސްވެފައިކަމަށެވެ. އަދި މިހާތަނަށް ބައެއް ލުއި ޖަލު ހުކުމްތައް ތަންފީޒުކުރަމުން ދިޔަ ހަނގުރާމަވެރިންގެ ބަޔަކު ދޫކޮށްލާފައިވާ ކަމަށްވެސް ޠާލިބާނުންގެ އޮފިޝަލު ވަނީ ބުނެފައެވެ.

މި ބައްދަލުވުމާ ބެހޭގޮތުން އަފްޣާނިސްތާނު ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައެއްނުވެއެވެ. އަފްޣާނިސްތާނުގެ ސަރުކާރާ ޠާލިބާނުން ބައްދަލުކޮށްފައި މިވަނީ ޠާލިބާނުންނާއި އެމެރިކާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެއް ފަސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.