ޚަބަރު

އީރާނުން އުފައްދާ ތެޔޮ އިންޑިޔާއިން ގަންނާނެކަމަށް އީރާނުން ބުނެފި


އިންޑިއާއިން އީރާނުގެ ތެޔޮ ގަންނަމުންދާނެކަމަށާއި، ދެ ޤައުމުގެ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް ދެ ޤައުމުންވެސް މަސައްކަތްކުރާނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި މިހާރު ހިނގަމުންދާ އދގެ ޢާއްމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސަވްރާޖާ ބައްދަލުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޒަރީފް ވިދާޅުވީ، އިންޑިއާއިން އަބަދުވެސް ބުނަމުން ދިޔައީ، އެ ޤައުމުން އީރާނާއެކު ބާއްވަމުންދާ އިޤްތިޞާދީ ގުޅުންތަކަށް ހުރަސްއެޅުމަށް ބޭނުން ނުވާކަމަށް ކަމަށާއި، އެ ޤައުމުން އީރާނުން ވިއްކާ ތެޔޮ އިމްޕޯޓްކުރުން ހުއްޓާނުލާނެކަމަށެވެ.

އަދި އިންޑިއާގެ ޚާރިޖީ ވަޒީރާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައިވެސް މިކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިކަމަށް ޒަރީފް ވިދާޅުވިއެވެ.

އިންޑިއާ އަކީ ޗައިނާއަށް ފަހު، އީރާނުން ވިއްކާ ތެޔޮ އެންމެ ގިނައިން އެތެރެކުރާ ގައުމެވެ. އެ ޤައުމުން ވަނީ އީރާނުގެ ތެޔޮ އެތެރެކުރާ މިންވަރު މަދުކޮށްފައެވެ. އެހެންނަމަވެސް ތެޔޮ އެތެރެކުރުން މުޅިން ހުއްޓާނުލާނެ ކަމަށްވެސް އެ ޤައުމުން ވަނީ ބުނެފައެވެ.