ޚަބަރު

ޤުދުސާމެދު އެމެރިކާގެ ނިންމުން ބަދަލުކުރުމަށް އައްބާސް ގޮވާލައްވައިފި


ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބުނެ އެމެރިކާއިން ނިންމާފައިވާ ނިންމުން ބަދަލުކޮށް، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ އދގެ ޖަމިއްޔާއަށް އެމެރިކާއިން ދޭ އެހީތެރިކަން އަލުން ދޭން ފެށުމަށް ފަލަސްޠީނުގެ ރައީސް މަހްމޫދް އައްބާސް އިލްތިމާސްކުރައްވައިފިއެވެ.

އައްބާސް މިކަމަށް ގޮވާލައްވާފައި ވަނީ އެމެރިކާގެ ނިއުޔޯކްގައި، އދގެ ޢާއްމު މަޖިލީހުގެ ޖަލްސާގައި ދެއްވި ތަޤްރީރުގައި ވާހަކަ ދައްކަވަމުންނެވެ. އައްބާސް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފަލަސްޠީނާ ދެކޮޅަށް ނިންމާފައިވާ މި ނިންމުންތަކުގެ ސަބަބުން އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ހުރިހާ ވަޢުދުތައް ފުއްދުމަށް ހުރަސްއެޅިފައިވާކަމަށެވެ. އަދި އެމެރިކާ ސަރުކާރުގެ މި ނިންމުންތަކުގެ ސަބަބުން ފަލަސްޠީނާއި އިސްރާއީލު މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ކަނޑައަޅާ ހައްލު ހޯދުމަށް، ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، އެތައް އަހަރެއް ވަންދެން އެމެރިކާއިން ދިޔައީ މެދު އިރުމަތީގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން ކަމަށާއި، މިކަމުގައި އެ ޤައުމު އޭރު ޢަމަލުކުރަމުންދިޔައީ އެކަނިކަމަށެވެ. އެހެންނަމަވެސް، އެމެރިކާގެ ސަރުކާރު މިހާރު ދެކެނީ އެހެން ނަޒަރަކުން ކަމަށާއި މިއަށް ފަހު މެދު އިރުމަތީގެ ވާހަކަތަކުގައި އެމެރިކާއިން އެކަނި މެދުވެރިއެއްގެ ދައުރު އަދާ ނުކުރެވޭނެކަން ފަލަސްޠީނަށް މިހާރު ވިސްނޭކަމަށްވެސް އައްބާސް ވިދާޅުވިއެވެ.