ޚަބަރު

ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވުމުގެ އެއްވެސް ޤާނޫނީ ހުއްޖަތެއް ނެތް- އީސީ


ޕީޕީއެމުން މާދަމާ ބާއްވަން ނިންމާފައިވާ އެ ޕާޓީގެ ކޮންގްރެސް ހުއްޓުވުމުގެ އެއްވެސް ހުއްޖަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި އެޕާޓިގެ ކުރީގެ ކައުންސިލް މެންބަރު މުޙައްމަދު ނަދީމް އެ ކޮމިޝަނަށް ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ޕީޕީއެމުން ބާއްވަން މަސައްކަތްކުރާ އެ ޕާޓީގެ ކޮންގްރެސް ހުއްޓުވުމުގެ އެއްވެސް ހުއްޖަތެއް ނެތްކަމަށާއި، ސަބަބަކީ ސިވިލް ކޯޓުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާއި ހަވާލުކުރުމަށް ޙުކުމްކޮށްފައިވާތީކަމަށެވެ.

ޕީޕީއެމުން ބާއްވަން މަސައްކަތްކުރާ އެޕާޓީގެ ކޮންގްރެސް ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާތީ، އެކަން ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައަޅާފައެވެ.

ޔުމްނާ ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރާއި ހަވާލުކުރުމަށް 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ހުރި އުސޫލްތަކާއި، އެޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ޕާޓީގެ ހިންގުން މުސްތަޝާރާއި ހަވާލުކޮށްފައިވާކަމަށެވެ.

ޕީޕީއެމުން ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ. އަދި އެކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ޕީޕީއެމުން ކުރިއަށްދާކަމަށް ޕީޕީއެމުން ބުނެއެވެ.