ޚަބަރު

އައްޑޫ ސިޓީ ހިތަދޫގައި ޔާހުންބަރާގެ ހަނދާނުގައި ބިނާއެއް ހަދަނީ


އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ޔާހުންބަރާގެ ހަދާނީ ބިނާއެއް ހެދުމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެކައުންސިލުންވަނީ ހަދާނީ ބިނާ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައެވެ. އެގޮތުން ފަރުމާކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުގެ ބީލަން ބަލައިގަތުމާއި، ބީލަންހުޅުވުން މި މަހުގެ ހަތްވަނަ ދުވަހުގެ ހެދުނު ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އައްޑޫ ސިޓީ ކައުންސިލުން މަޢޫލޫމާތުދޭގޮތުގައި، ޔާހުންބަރާގެ ބިނާ ހެދުމަށް ހަމަޖެހިފައިވަނީ ހިތަދޫ މަސްޖިދުއް އަލް އިޚުވާން ޞަރަޙައްދުގައިވާ ހުސްބިމުގައެވެ.

ޔާހުންބަރާގެ ހަނދާނީ ބިނާއެއް ހެދުމުގެ މައިގަނޑު މަޤްޞަދަކީ އައްޑޫސިޓީގައި މިފަދަ ތާރީޚީ ބިނާއެއް ނެތުމާއެކު،އައްޑޫސިޓީގެ ތާރީކު ދައްކުވައިދޭ ބިނާއެއް ޤާއިމުކުރުމުގެ ބޭނުމުގައެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ޔާހުންބަރާއިން އައްޑޫސިޓީގެ ފުންނާބު އުސް ބައެއް ޢިލްމުވެރިން ސިލޯނަށް ދަތުރުކުރަނިކޮށް ޖަޕާން ސިފައިން އެއަށް ޙަމަލާދީ ކަނޑު ފައްތާލި ޙާދިސާގެ ހަދާނުގައި ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.