ދުވާލުގެ ވަގުތުތަކުގައި ބޭނުންކުރާ ކަރަންޓުގެ ތިރީސް އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް އަށާވީސް ރަށެއްގައި މިއަމާޒަށް ވާސިލުވެފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީންބުނީ ދުވާލުގެ ވަގުތުތަކުގައި ބޭނުންކުރާ ކަރަންޓުގެ ތިރީސް އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމުގެ މަސައްކަތް ޖުމުލަ 28 ރަށެއްގައި މިހާރު ނިމިފައިވާކަމަށެވެ. އަދި އިތުރު ތިރީސް ރަށެއްގައި، ސަރުކާރުން ކަނޑައަޅާފައިވާ އިންސައްތައާހަމައަށް މިމަސައްކަތްކުރެވި މިއަހަރު ނިމުމުގެކުރިން ހަކަތަ ބޭނުންކުރަން ފަށާނެކަމަށްވެސް އެމިނިސްޓަރީން ބުނެއެވެ.
މީގެ އިތުރުން ދެން ބާކީހުރި ރަށްރަށުގައިވެސް މިއަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތް އެކި މަރުޙަލާތަކުގައި ވަރަށް ބާރަށް ކުރަމުންދާކަމަށް އެމިނިސްޓްރީން ބުނެއެވެ. މިމަސައްކަތުގެ އެންމެ ކުރީމަރުޙަލާގައި ހުރި ރަށްރަށަށް ބަލާއިރު ބައެއް ރަށްރަށްރަށުގައި ޓެކްނިކަލް ސަރވޭތައް ނިމިފައިވާއިރު އަނެއްބައި ރަށްރަށުގެ މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީޒްތައް މިހާރުވަނީ ހަދައި ނިމިފައެވެ.
އަދި މިހާރުކުރަމުންދަނީ މިޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތްތައް ބަޔަކާ ޙަވާލުކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްކަމަށް އެމިނިސްޓްރީން ބުނެއެވެ. މިމަޝްރޫޢުއަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދުވާލު އެންމެ ގިނައިން ބޭނުންކުރާ ކަރަންޓުގެ ތިރީސް އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުއެކެވެ. ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވެ އެކަށީގެންވާ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީ ހަކަތަ އުފެއްދުމަށް ކުރާހޭދަ ކުޑަކުރުމަށް ސަރުކާރުންގެންދަނީ މަސައްކަތްކުރަމުންނެވެ.