ޚަބަރު

ޤާނޫނީ މުއްދަތުގެތެރޭގައި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާނަން - ޝަރީފް


ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނެކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ދެއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މިކަމުގެ ޔަޤީންކަން ދެއްވާފައިވަނީ ނަތީޖާ އިޢުލާން ކުރުން ފަސްކުރަން އުޅޭކަމަށްބުނެ ދެކެވޭ ވާހަކަތަކާގުޅިގެން އެމް.ޑީ.ޕީގެ ޗެއަރޕަސަން އެކޮމިޝަންގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގެތެރެއިންނެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ނަތިޖާ އިޢުލާންކުރުން ފަސްކުރަން އުޅޭކަމަށްބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އެމް.ޑީ.ޕީގެ ކަންބޮޑުވުންތައް އެކޮމިޝަންގެ މެމްބަރުންނާ ޙިއްސާކުރެއްވިކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތިޖާ އިޢުލާންކުރުން އަވަސްކޮށްދެއްވުމަށްވެސް އެފަރާތުން އެދިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓުލުމާއި، ވޯޓު ގުނުމުގެ އެންމެހައި ކަމެއްވެސް ކުރިއަށްގޮސްފައިވަނީ ޤާނޫނީ އިމުގެތެރެއިން، ވަރަށް އަމާންކަމާއެކުކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ސުވާލުއުފެއްދުމުގެ ޖާގަ އެކޮމިޝަނުން ދޭން ބޭނުންނުވާކަމަށާ، އިންތިޚާބާ ގުޅޭ އެންމެހާކަމެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ދެފުށް ފެންނަގޮތަކަށް ކަމަށެވެ.
ހަމައެހެންމެ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާނެކަމުގެ ޔަޤީންކަން ޝަރީފުވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 15 ވަނަ މާއްދާގައި ވާގޮތުން ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިޢުލާންކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރާނެކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ހުރިހާކަމެއްވެސް ކުރިއަށްގޮސްފައިވަނީ ވަރަށް ސުލްޙަވެރިކަމާއި، އަމާންކޮށްކަން މި އިންތިޚާބު އޮބްޒަރވްކުރުމުގައި ޙަރަކާތްތެރިވި ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ފާހަގަކޮށްފައިވެއެވެ.