ޚަބަރު

ލިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އޮޑިޓް އޮފީހުން ހުރިހާ މުއައްސަސާތަކަށް އިލްތިމާސްކޮށްފި


އޮޑިޓުގައި ބަލަންޖެހިދާނެ ލިއުންތައް ރައްކާތެރިކަމާއެކު ބަލަހައްޓައި ދެމެހެއްޓުމަށް ސަމާލުކަންދިނުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ފޮނުވާފައިވާ ސަރކިއުލާގައި ވަނީ ދައުލަތުގެ މުއައްސަސާތަކުން ހިންގާފައިވާ އަދި ހިންގަމުންގެންދާ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރާ ހުރިހާ ލިޔެކިޔުމެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތުގައި ބަލަންޖެހިދާނެތީ، އެފަދަ އެންމެހައި ލިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އަންގާކަމަށެވެ.

ލިޔުންތައް ނުވަތަ ހިސާބު ނައްތާލަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަމުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ލިޔުމެއް ނުވަތަ ހިސާބެއް ނައްތާނުލުމަށްވެސް އޮޑިޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ލިޔުންތައް ނުވަތަ ހިސާބުތައް ބެލެހެއްޓުމާއި ނައްތާލުމުގެ ޒިންމާ އަދާކުރަންޖެހޭ ފަރާތްތަކުން، ޢަމަލުކުރުމަށް ދައުލަތުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، އެކަމަށް އެފަރާތެއް ޖަވާބުދާރީވާން ޖެހޭނޭކަމަށްވެސް އޮޑިޓް އޮފީހުން ވަނީ އަންގާފައެވެ.