ދުނިޔެ

ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ - ޑަބްލިއުޓީއޯ


ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ގިނަ އިންވެސްޓްމެންޓްތައް ހިންގުމަކީ ފަތުރުވެރިކަން ކުރިއަރައިގެންދާނެކަމެއް ކަމަށް ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނަރަލް ޒުރަބް ޕޮލޯލިކަޝިވިލީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ދިމާކޮށް ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނަރަލް ޒުރަބް ޕޮލޯލިކަޝިވިލީ ދެއްވި މެސެޖެއްގައި ވިދާޅުވީ މިފަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ޚާއްޞަކޮށްފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ވިޔަފާރިތައް ބިނާކުރުމަށްކަމަށެވެ. އަދި މިފަދަ ގިނަ އިންވެސްޓްމެންޓްތަކާއެކު ކުރިއަށްއޮތް ތަނުގައި ފަތުރުވެރިކަން ކުރިއަރައިގެންދާނެކަމަށް ލަފާކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒުރަބް ވިދާޅުވީ ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ތަރައްޤީވެފައިވާ މި ދަނޑިވަޅުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި ކަންކަން ބިނާކުރަން މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ފަތުރުވެރިކަން އިތުރަށް ފުޅާވެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަަރައްޤީވެގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު ޔޫއެންގެ ސެކެޓްރީ ޖެނަރަލް އެންޓޯނިއޯ ގުޓާރޭޝް ވަނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމަށް ހުރިހާ ޤައުމުތަކަށް ގޮވާލާފައެވެ. އެންޓޯނިއޯ ގުޓާރޭޝް ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލްވެވޭނެކަމަށާއި މީގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާއިރު ޔޫއެންޑަބްލިއުޓީއޯ އިން މިއަހަރުގެ ފަތުރުވެރިކަމުގެ ޝިޢާރަށް ކަނޑައަޅާފައިވަނީ "ޓޫރިޒަމް އެންޑް ޑިޖިޓަލް ޓްރާންސްފޯރމޭޝަން" މިޝިއާރެވެ.