ޚަބަރު

ރިޔާސީ އިންތިޚާބު ބާތިލުކުރަން ހުށަހަޅާކަށް ނޫޅެން - ޕީޕީއެމް


ރިޔާސީ އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅަން އުޅޭކަމަށްބުނެ މީޑިއާގައި ފަތުރާފައިވަނީ ދޮގު ވާހަކަތަކެއްކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރިޔާސީ އިންތިހާބު ބާޠިލުކުރަން ޕީޕީއެމުން ކޯޓަށް ހުށަހަޅަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ފެތުރުމާ ގުޅިގެން ރޭ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ، ރިޔާސީ އިންތިޚާބު ބާތިލު ކުރަން ހުށަހެޅުމުގެ މަސައްކަތް އެޕާޓީން ނުކުރާ ކަމަށެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ އަވަސްކުރަން އަދި ލަސް ނުކުރުމަށް އިލެކްޝަނަށް ހުށައަޅާފައިވާނޭ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ބޮޑެތި ޝަކުވާތަކެއް އެޕާޓީގެ އާންމު މެމްބަރުންގެ ފަރާތުން ލިބިފައިވާ ކަމަށާއި އެކަމުގެ ޙަޤީޤަތް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޝަކުވާތައް ލިބިއްޖެނަމަ އެކަން ބެލުމަކީ ސިޔާސީ ޕާޓީއެއްގެ ޙައިޞިއްޔަތުން ޕީޕީއެމުން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމް އިން ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވާނީ މި ޝަކުވާތަކުގެ ވާހަކަކަމަށާއި، އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޚަބަރު ފަތުރާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އިންތިޚާބާގުޅޭގޮތުން ދާއިރާތަކުގެ ރައްޔިތުންގެ ޝަކުވާތަކެއް ވާނަމަ އެކަން ހޯދުމަށް އެދި ޕީޕީއެމް މަޖިލިސް މެމްބަރުންނަށް އޭނާ ފޮނުވި މެސެޖަކީވެސް އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ވަކި ގޮތަކަށް ބައްޓަން ކުރަން ކުރި ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމުން ރިޔާސީ އިންތިޚާބު ބާތިލް ކުރަން ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އިއްޔެ ހަވީރުން ފެށިގެން އަޑުތައް ފެތުރެން ފެށުމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވޭ ސަލާމަތީ ބާރުތަކުން ވަނީ 23 ސެޕްޓެމްބަރގައި ރައްޔިތުން ނިންމި ނިންމުން ސަލާމަތީ ބާރުތަކުން ދަމަހައްޓާނެކަމަށް ބުނެފައެވެ.