ޚަބަރު

ސަޢުދީ ރަސްގެފާނުގެ ޙާއްޞަ މަންދޫބެއް އިންތިޚާބީ ރައީސާ ބައްދަލުކުރައްވައިފި


ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ޚާއްޞަ މަންދޫބެއް ރާއްޖޭގެ އިންތިޙާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާގުޅޭގޮތުން މައުލޫމާތުދެއްވަމުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ސަޢުދީ ރަސްގެފާނުގެ ޚާއްޞަ މަންދޫބެއްގެ ޙައިޞިއްޔަތުން ސައުދީ ފަންޑްގެ ވެރިޔާ އަދި ސައުދީ މިލިޓްރީ އިންޑަސްޓްރީއާއި، ސަޢުދީ އެންޓަޓެއިންޓްމަންޓް އޮތޯރިޓީގެ ގަވަރނަރ އަޙްމަދު އަލް ޚަތީބު، އިންތިޚާބީ ރައީސާ ބައްދަލުކުރައްވާފައިވާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިޚާބުން އިބްރާހީމް މުޙައްމަދު ޞާލިޙު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ، އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ސައުދީ ރަސްގެފާނުގެ މަންދޫބު ވަނީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ސަޢުދީ ރަސްގެފާނުގެ ޚާއްޞަ މަންދޫބެއް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމާ ގުޅިގެން ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި، ޖަމިއްޔާތަކުގެ ވެރިން އަންނަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާ، އައު ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް އޮތްކަން ހާމަކުރަމުންނެވެ. މީގެ ތެރޭގައި އަވަށްޓެރި ސްރިލަންކާ، އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ޤައުމުތައް ހިމެނެއެވެ.