ޚަބަރު

ދައުލަތުގެ އެއްވެސް ލިޔެކިއުމެއް ނައްތާލަން ހުށަހަޅާފައެއްނުވޭ - ޤައުމީ އަރުޝީފް


ދައުލަތުގެ ލިޔެކިޔުންތައް ރައްކާކުރާ މައި އިދާރާއަކީ ޤައުމީ އަރުޝީފުކަމަށްވާއިރު، މިހާތަނަށް ދައުލަތުގެ އެއްވެސް ލިޔެކިއުމެއް ނައްތާލުމަށް އެ އިދާރާއަށް ހުށަހަޅާފައި ނުވާކަމަށާ އަދި އެފަދަ ކަމެއްގެ ޝަކުވާއެއްވެސް ހުށަހެޅިފައިނުވާކަމަށް ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރެލް މުޙައްމަދު ޝާތިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ލިޔެކިއުންތަކެއް ނައްތާލިކަމަށްބުނެ ފެތުރެމުންދާ ވާހަކަތަކާގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން، މުޙައްމަދު ޝާތިރު ވިދާޅުވީ ޤާނޫނު އަސާސީގެ ދަށުން ދިވެހި ދައުލަތުުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، އެނޫންވެސް އެކި މަޢުލޫމާތު ނައްތާލަންޖެހޭނީ ޤައުމީ އަރުޝީފުގެ ހުއްދައާއިއެކުގައި ކަމަށެވެ. އަދި މި ހާތަނަށް ދައުލަތުގެ އެއްވެސް ވުޒާރާއަކުން މިފަދަ ކަމަކަށް އެދިފައިނުވާއިރު، އެއްވެސް ފަރާތަކުންވެސް ރަސްމީކޮށް މިފަދަ ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށެވެ.

ސަރުކާރުގެ ބައެއް ވުޒާރާތަކުން ލިޔެކިޔުންތަކެއް ނައްތާލުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ ފެތުރޭ ވަހަކަތަކަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ތަރުޖަމާނުވަނީ ވިދާޅުވެފައެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ސަރުކާރުގެ އެެއްވެސް މުހިންމު ލިޔެކިއުމެއް ނައްތާނުލާކަމަށެވެ. އަދި ފިތުނައާއި ބައިބައިވުން އުފެދޭފަދަ ވާހަކަތައް ނުފެތުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒް ޢަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.