ޚަބަރު

ސްލިޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މަތީ ތަޢުލީމަށް ކިޔެވުމަށް، ސާކްގެ ޤައުމުތަކަށް ޚާއްސަކޮށްގެންދޭ ސްލިޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ޢާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި ސްކޮލަރޝިޕްގެ ދަށުން ދޭ ކޯސްތަކަކީ ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީގައި ކުރިއަށްގެންދާ ކޯސްތަކެއްކަމަށެވެ. ބެޗްލަރސް ޑިގްރީ ފެންވަރުގެ މިކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ކަނޑައަޅާފައިވާ ދާއިރާތައް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓުގައި މިހާރުވަނީ ޢާއްމުކޮށްފައެވެ.

މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު ބާރަ ޖެހުމުގެ ކުރިން މި ކޯހަށް ޝަޢުގުވެރިވާ ފަރާތްތަކުން ކޯހަށް އެދި ހުށައަޅަންޖެހޭ ފޯމުތަކާއި ލިޔުންތައް އެޑިޕާޓްމަންޓަށް ހުށައަޅަންޖެހެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާ ފަރާތްތަކުން، މައި އެޑިއުކޭޝަން ޕޯޓަލް މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

މި ސްކޮލަރޝިޕަށް ރާއްޖެއިން 6 ދަރިވަރަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 2 ދަރިވަރަކު ހޮވާނީ ސްލިޓްގެ ފަރާތުންނެވެ. އަދި ކޯހުގެ ޓިއުޝަން ފީ ސްލިޓްގެ ފަރާތުން ހަމަޖައްސައިދޭނެކަމަށާ، އިތުރު ޚަރަދުތައް ހަމަޖައްސަންޖެހޭނީ އެދަރިވަރަކު އަމިއްލައަށްކަމަށްވެސް ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން ބުނެއެވެ. އަދި މިސްކޮލަރޝިޕް ލިބޭ ކެންޑިޑޭޓަކު ބޭނުންވާނަމަ، މިސްކޮލަރޝިޕްގެ ދަށުން ހަމަނުޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް ކަނޑައެޅިފައިވާ އުސޫލުން ސަޕްލިމެންޓަރީ ލޯން އެލަވަންސް އެޑިޕާޓްމަންޓް މެދުވެރިވެގެން ހަމަޖައްސައިދޭނެކަމަށްވެސް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.