ޚަބަރު

އީރާނުގެ ވިޔަފާރިއަށް ހުރަސްއެޅުނަ ނުދިނުމަށް ނުފޫޒުގަދަ ޤައުމުތަކެއްގެ އެހީތެރިކަން


އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015 ވަނަ އަހަރު ޤާއިމުކުރި އެއްބަސްވުމުން ވަކިނުވެ، މިހާރު އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކުން، އީރާނާ އެކު ބައިނަލްއަޤުވާމީ ފަރާތްތަކުން ކުރާ ވިޔަފާރިއަށް ހުރަސް އެޅިޔަ ނުދިނުމަށް މަސައްކަތްތައްކުރުމަށް އެއްބަސްވެއްޖެއެވެ. 2015 ވަނަ އަހަރުގެ އެއްބަސްވުމުގައި ހިމެނޭ މި ޤައުމުތަކުން މިކަމަށް އެއްބަސްވެފައިވަނީ، މިއަހަރުގެ މޭ މަހު އެމެރިކާއިން މި އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015 ވަނަ އަހަރު ޤާއިމުކުރި އެއްބަސްވުމުން މިއަހަރުގެ މޭމަހު އެމެރިކާ ވަކިވީ މި އެއްބަސްވުމުގައި އީރާނުގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމާ މެދު އިރުމަތީގައި އީރާނުން ހިންގާ ގެއްލުން ދެނިވި ހަރަކާތްތަކަށް އެއްވެސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާ ނުލާތީ ކަމަށް ބުނެއެވެ. 2015 ވަނަ އަހަރު މި އެއްބަސްވުމާ ބެހޭ މަޝްވަރާތަކުގައި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ރަޝިޔާ އަދި ޗައިނާއިން ބައިވެރިވިއިރު މިކަންކަން ފާހަގަކޮށްފައި ނުވާތީ އެއްބަސްވުން ޤާއިމުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިކަންކަން އިތުރު ކުރުމަށް އީރާނުން ވަނީ ދެކޮޅު ހަދާފައެވެ.

2015 ވަނަ އަހަރުގެ އެއްބަސްވުމަކީ މިކަމަށް އެކަށިގެންވާ އެއްބަސްވުމެއް ނޫން ކަމަށް ޤަބޫލުކުރަނީ އެމެރިކާއިން އެކަންޏެވެ. މި އެއްބަސްވުމުގައި ބައިވެރިވި އެހެން ދުނިޔޭގެ ބާރުތަކުން މޭ މަހުއްސުރެ ދަނީ، އެމެރިކާއާ ނުލާ އަދި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާނެކަމަށް ބުނެފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އީރާނަށް ގެއްލުން ނުލިބޭނެ ފަދައިން މި އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތްތައްކުރަމުންނެވެ.

މިކަމަށްޓަކައި މި ހަފްތާގެ ހޯމަ ދުވަހު ވެސް އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ޗައިނާ، ރަޝިޔާގެ އިތުރުން އީރާނުން އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބައްދަލުކޮށްފައިވާއިރު މި ޤައުމުތަކުން ވަނީ 2015 ވަނަ އަހަރު ޤާއިމުކުރި އެއްބަސްވުމުގައި މިހާރު ހިމެނޭ ގައުމުތަކުން އީރާނާ އެކު ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރާ ވިޔަފާރިތަކަށް ހުރަސް އެޅިޔަ ނުދިނުމަށް މަސައްކަތްތައް ކުރުމަށް އެއްބަސްވެފައެވެ.

މި ބައްދަލުކުރުމަށް ފަހު މި ޤައުމުތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާއެކު ވިޔަފާރިކުރުމަށްޓަކައި އެކަމަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމަށް އެގައުމުތަކުން ތައްޔާރަށް އޮތްކަމަށެވެ.
މި ނިޒާމުގެ ދަށުން އީރާނުން އެކްސްޕޯޓް ކުރާ މުދާ، ޚާއްޞަކޮށް ތެޔޮ ފަދަ ތަކެއްޗަށް ފައިސާ ދެއްކުމުގެ ކަންކަން ހުރަހެއް ނެތި ކުރިއަށްދާނެކަމަށްވެސް މި ޤައުމުތަކުން ވަނީ ބުނެފައެވެ. މި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިލާތުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ފެޑްރީކާ މޯގެރީނީ ވިދާޅުވީ، މިފަދަ ނިޒާމެއް އުފެއްދުމުގެ ނިންމުމަކީ މިހާރު ހުރިހާ ޤައުމަކުންވެސް އިއްފާޤުވާ ކަމެއް ކަމަށާއި މިކަމުގައި ދެން ފަސްނުޖެހޭނެކަމަށެވެ.

އަދި މިކަމުގައި ޤައުމުތަކުގެ ފަންނީ ތަޖުރިބާކާރުން ދާދި އަވަހަށް ބައްދަލުކުރައްވާ މިކަމުގެ ތަފްސީލުތަކާ ބެހޭގޮތުން ގޮތެއް ނިންމާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޢަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގައެވެ.