ޚަބަރު

ކުރީގެ ބަންޑާރަނާއިބު ސުޢޫދު ޤާނޫނީ ވަކީލުކަމުން ސަސްޕެންޑްކޮށްފި


ކުރީގެ ބަންޑާރަނާއިބު އަލްއުސްތާޛް ހުސްނުއްސުޢޫދު ރާއްޖޭގެ ކޯޓްތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން ސުޕްރީމް ކޯޓުން މަނާކޮށްފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހުސްނުއްސުޢޫދުގެ ޓުވިޓަރ އެކައުންޓުން މިމަހުގެ 24 ވަނަ ދުވަހު ޖުޑީޝަރީއާ ގުޅޭގޮތުން ކޮށްފައިވާ ޓްވީޓަކާ ގުޅިގެން އެމައްސަލަ ބަލަމުންދާތީ ޤާނޫނީ ވަކީލުކަމުން އޭނާ ސަސްޕެންޑްކޮށްފައިވާކަމަށެވެ. ކުރީގެ ބަންޑާރަނާއިބު އަލްއުސްތާޛް ހުސްނުއްސުޢޫދު މިމަހުގެ 24 ވަނަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޤައުމުގެ އެއްބައިވަންތަކަމާއި އަމާންކަމަށްޓަކައި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހާއި، އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އިސްތިއުފާދެއްވަންޖެހޭކަމަށެވެ.

މިއީ ރައީސް ނަޝީދު ސަރުކާރުގައި ބަންޑާރަނާއިބުކަން ކުރެއްވި ހުސްނުއްސުޢޫދު ޤާނޫނީ ވަކީލުކަމުން ސަސްޕެންޑްކުރި 2 ވަނަ ފަހަރެވެ. މިކަމާގުޅިގެން ހުސްނުއްސުޢޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެބޭފުޅުން އެދޭ ވެރިކަމެއްގައި ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ޤާނޫނީ ވަކީލުން ސަސްޕެންޑްކުރުން ހުއްޓުވާނެކަމަށެވެ.