ޚަބަރު

އިބްރާޙީމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ދަންނަވައި އެއްބާރުލުން ދޭނެކަމަށް ޤައުމުތަކުން ބުނެފި


އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްގެ ސަރުކާރަށް އަވައްޓެރި ޤައުމުތަކުގެ ފުރިހަަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާން އަލްއުސްޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ ތަރުޖަމާން މިހެން ވިދާޅުވެފައިވާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކުންދަނީ އިބްރާޙިމް މުޙައްމަދު ޞާލިހް ރިޔާސީ އިންތިޚާބުކުރެއްވުމާއިއެކު މަރުހަބާ ދަންނަވަންނެވެ.

ސޯލްޓު ކެފޭ ކޮންފަރެންސް ހޯލްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްގެ ތަރުޖަމާން އަލްއުސްޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞޯލިޙަށް ފޯނުން ގުޅުއްވާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުޙަބާ ދަންނަވާފައިވާ ކަމަށެވެ. އެ ފޯނު ކޯލުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާއިރު އަވަސް މުސްތަޤްބަލެއްގައި އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އިބްރާހިމް މުހައްމަދު ޞާލިހަށް މޯދީ ދައުވަތު އެރުވިކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އަވައްޓެރި ސްރިލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހާވެސް އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްއަށް ގުޅުއްވާ މަރުހަބާ ވިދާޅުވެ، ދިވެހިރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައިވެސް ސްރިލަންކާގެ އެހީ ރާއްޖެއަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ ތަރުޖަމާން އަލްއުސްޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް އިހުތިރާމް ޒިޔާރަތެއް ކުރައްވާފައިވާކަމަށެވެ. މާރިޔާ ވިދާޅުވީ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް އެކްޓިން ކޮމިޝަނަރު، ނަވާޒު ކުރެއްވި އެ ޒިޔާރަތަކީ އިބްރާޙީމް މުޙައްމަދު ޞޯލިޙަށް މަރުޙަބާ ދަންނަވައި ސަރުކާރުގެ ބާރުތައް ބަދަލު ކުރުމުގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިއުމަށް މަޝްވަރާ ކުރެއްވި ބައްދަލު ކުރެއްވުމެއް ކަމަށެވެ.

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ވާދަކުރައްވާ އިބްރާޙިމް މުހައްމަދު ކާމިޔާބު ކުރެއްވުމާއިއެކު ބައިނަލްއްޤްވާމީ ޖަމިއްޔާތަކުންވެސް ދަނީ އެމަނިކުފާނަށް މަރުހަބާދަންނަވަމުންނެވެ.

އެގޮތުން އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއެކު ކުރިއަށް ގެންގޮސް، ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކުރުމަށް ކަމާބެހޭ މުޢައްސަސާތަކާއި، ސިޔާސީ ލީޑަރުން ކުރެއްވި މަސައްކަތް ފާހަގަކޮށް، އެކަމަށް އދ. އިން މަރުހަބާ ކިޔައިފައިވާއިރު، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވަމީ ޖަމިއްޔާ އެމްނެސްޓީ އިންޓަރނޭޝަނަލް އިންވެސްވަނީ އެމަނިކުފާނަށް މަރުޙާބަށް ދަންނަވާފައެވެ.