ޚަބަރު

ސަރުކާރުގެ ލިޔެކިއުންތަކެއް ނައްތާލަން މަސައްކަތްކުރާކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާމެދު ކަންބޮޑުވޭ- މާރިޔާ


އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވެވަޑައިގަތުމަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި ސަރުކާރުގެ ބައެއް ވުޒާރާތަކުން ލިޔެކިޔުންތަކެއް ނައްތާލުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ ފެތުރޭ ވަހަކަތަކަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ ތަރުޖަމާން އަލްއުސްޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ސަރުކާރުގެ ލިޔެކިޔުންތަކެއް ނައްތާލުމާއި، އޮފީސްތަކުގައި މަސައްކަތްކުރާ މުޢައްޒަފުންނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ހިންގާކަމުގެ ތުހުމަތުކޮށް ބައެއް ފަރާތްތަކުން އެފަދަ ވާހަކަތަކެއް ފަތުރަމުންދާކަމަށެވެ.

މާރިޔާ ވިދާޅުވީ މި ވާހަކަތައް ފެތުރެމުންދާއިރު، މިކަމުހެ ޙަޤީޤަތް ބަލައި މިފަދަ ކަންކަން ހިނގަމުންދާނަމަ އެކަން ހުއްޓުވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި މިކަން ބަލައިދިނުމަށް އެކްޓިން ޕޮލިސް ކޮމިޝަނަރ އަބްދުﷲ ނަވާޒުގެ އަރިހުންވެސް އެދިފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މިތުހުމަތުތަކާ ބެހެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒް ޢަލީ ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ސަރުކާރުގެ ތެރެއިން ނުހިނގާކަމަށާ އެހީ ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއް ކަމަށެވެ.