ޚަބަރު

"ހިޔާ" މަޝްރޫޢުގެ ފޯމް ބަލައިގަތުން އިންތިޙާބަށް މެދުކަނޑާލުމަށްފަހު އަލުން ފަށައިފި


"ހިޔާ" މަޝްރޫޢުގެ ފޯމް ދޫކުރުމާއި ބަލައިގަތުން އިންތިޙާބަށް މެދުކަނޑާލާފައި އޮތުމަށްފަހު އިއްޔެ އަލުން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަޙްމަދު ފަޒާލް ވިދާޅުވީ މިމަހުގެ ނިޔަލަށް ފޯމު ބަލައިގަތުމުގެ ކަންކަން ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެކަމަށެވެ. އެގޮތުން ހެނދުނު ނުވަޔަކުން މެނދުރު ދެއަކާއި، ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް ފޯމު ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނެކަމަށް ފަޒާލް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށްއެދި އަށާރަ ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ފޯމް ހުށަހަޅާފައިވާކަމަށެވެ.

ސަރުކާރުން އިޢުލާންކޮށްފައިވާ ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 7000 ހައުސިންގ ޔުނިޓް އެކުލެވިގެންވަނީ 25 ބުރީގެ 16 ޓަވަރުގެ މައްޗަށެވެ.