މުލިއާގެއިން ޤާނޫނާ ޚިލާފަށް އެއްވެސް އެއްޗެއް ނެރެފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒު އަލީ ވިދާޅުވީ ވެރިކަން ހަވާލުކުރުމުގެ މިމަރުހަލާގައި މުލިއާގެއިން ގެންދާ ބައެއް ތަކެއްޗަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންފުޅުކުރައްވާ ތަކެތިކަމަށެވެ. އަދި އޭގެ ތެރޭގައި ޤާނޫނާ ޚިލާފު އެއްވެސް އެއްޗެއް ނުހިމެނޭނެކަމަށް މުއާޒް ވިދާޅުވިއެވެ.
މުލިއާގެއިން ޤާނޫނާ ޚިލާފަށް އެއްވެސް އެއްޗެއް ނެރެފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި މިވަނީ، ޤާނޫނާ ޚިލާފަށް ބައެއް ތަކެތި މުލިއާގެއިން ނެރެމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދަނިކޮށެވެ. އަދި ލިލީމަގުގައި ހުންނަ މުލިއާގޭ ގަރާޖުކައިރިއަށް ބައެއް މީހުން ވަނީ މިކަމާ ގުޅިގެން ޖަމާވެފައެވެ. ނަމަވެސް ފުލުހުން ވަނީ އެސަރަހައްދުން މީހުން ދުރަށް ޖައްސާފައެވެ.