ޚަބަރު

ބަންދުގައި ތިބި މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ބައެއް ބޭފުޅުން ދޫކޮށްލައިފި


ތަހުޤީޤަށް ޖަލު ބަންދުގައި ތިބި މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ކްރިމިނަލް ކޯޓުން މިނިވަންކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިނިވަންކޮށްފައިވަނީ ޖަލު ބަންދުގައި ހުރި ކުރީގެ ސީޕީ އަހުމަދު އަރީފާއި މައްޗަންގޮޅު ދެކުނު ދާއިރާގެ މުހައްމަދު ޝިނާން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމެވެ.

މިބޭފުޅުން ޖަލު ބަންދުން މިނިވަންކޮށްފައިވަނީ އެބޭފުޅުންގެ ބަންދާމެދު ގޮތެއް ނިންމެވުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

މިބޭފުޅުންގެ އިތުރުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުވެސް ކޯޓަށް ހާޒިރުކުރިއެވެ.

ނަމަވެސް އެބޭފުޅުންނަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ބޭފުޅުންނަށް ވާތީ، އެބޭފުޅުން މިނިވަންކުރުމާމެދު ގޮތެއް ނިންމާފައެއްނުވެއެވެ. އެހެންކަމުން އެބޭފުޅުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.