ޚަބަރު

ޕީޕީއެމްގެ އަމާޒަކީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށްވުން- އަބްދުއްރަހީމް


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް ދެންވެގެންދާނީ ޒިންމާދާރުކަމާއެކު މަސައްކަތްކުރާ އިދިކޮޅު ޕާޓީއަކަށްކަމަށް އެޕާޓީން ބުނެފިއެވެ.

ރިޔާސީ އިންތިޙާބަށްފަހު އެޕާޓީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބުރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ، ރިޔާސީ އިންތިޙާބު ކާމިޔާބުކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިހުއަށް ޕީޕީއެމްގެ ފަރާތުން ތަހުނިޔާ ކިޔާކަމަށެވެ. އަދި ޕީޕީއެމް ދެން ވެގެންދާނީ އިދިކޮޅު ޒިންމާދާރު ޕާޓީއަކަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުރަހީމް ވިދާޅުވީ، ވަރަށް އަވަހަށް ޕާޓީގެ ކޮންގްރެސްއެއް ބާއްވާނެކަމަށާއި، ކޮންގްރެސްއަށްފަހު ޤައުމުގެ ރައްޔިތުންގެ ހައްޤުގައި އެ ޕާޓީން މަސައްކަތްކުރާނެކަމަށެވެ.

"އަޅުގަނޑުމެން ޕަޓީގެ ނަމުގައި އިއްޔެގައި އިންތިޙާބު ކާމިޔާބުކުރެއްވި އިބްރާހީމް މުޙައްމަދު ސާލިހްއާއި އިންތިހާބު ކާމިޔާބު ކުރެއްވި އޭނަގެ ރަނިންމޭޓް ފައިސަލް ނަސީމްއަށް އަޅުގަނޑުމެންގެ ޕާޓީގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި ތަހުނިޔާ އަރިސްކުރަން. މިއަދުން ފެށިގެން އަޅުގަނޑު މިދަންނަވާނީ އަޅުގަނޑުމެންގެ ޕާޓީ އިދިކޮޅު ޕާޓީއަކަށް ބަދަލުވީއެ. އަޅުގަނޑުމެންގެ ޕާޓީ ފެނިގެންދާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވަރަށް ޒިންމާދާރުކަމާއިއެކު މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި." އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބުރައީސް ރައީސް އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި ޤައުމަށް އިތުރު ތަރައްޤީ ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށެވެ. އަދި ޕާޓީގެ މެންބަރުންނާއި އެޕާޓީއަށް ވޯޓުދެއްވި ފަރާތްތަކަށް ޒަމީރު ވަނީ ޝުކުރުއަދާކޮށްފައެވެ.

"އަޅުގަނޑުމެންގެ އެދުމަކީ މިހާރު ރާއްޖޭގައި މި ދެކެމުންދާ ތަރައްޤީ އެބޭފުޅުންގެ ޒަމާއަތުގައިވެސް ހަމަ ކުރިއަށްދިއުން. އަދި ރާއްޖެއަށް އިތުރު ކުރިއެރުން ލިބިގެންދިއުން." މޫސާ ޒަމީރު ވިދާޅުވިއެވެ.