ޚަބަރު

އިންތިޚާބު އިންސާފުވެރި، ފެނިގެންދިޔައީ ޤައުމީ ރޫޙް - އެޗްއާރސީއެމް


އިއްޔެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށާއި، އިންތިޚާބުގައި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ކެތްތެރިކަމާއި އެއްބައިވަންތަކަން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އޮބްޒާރވް ކުރުމަށްފަހު ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް މީހެއްގެ ވޯޓުލުމުގެ ޙައްޤަށް ބުރޫއަރައި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ ކަމެއް ހިނގާފައިނުވާކަމަށެވެ. އަދި ގިނަ ޢަދަދެއްގެ މީހުން މި އިންތިޚާބުގައި ވޯޓްލާފައިވާކަން ފާހަގަކޮށް، ވޯޓު ލުމުގެކަންކަން ދިޔަގޮތް ލަސްވުމުގެ ސަބަބުން ވޯޓުލުމަށް ނިކުތް މީހުން ވަރަށް ގިނަ ވަގުތު ވޯޓުލުމަށް ކިއުގައި މަޑުކުރަން ޖެހުނުކަމާއި، އިންތިޚާބުގެ އިދާރީ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރަންޖެހޭކަން އެޗްއާރސީއެމުން ވަނީ ފާހަގަކޮށްފައެވެ.

މި އިންތިޚާބުގައި ފެނިގެންދިޔައީ ޤައުމީ ރޫޙެއްގައި ޤައުމުގެ ޞުލްޙަ މަސަލަސްކަން އިސްކޮށްގެން ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަމުންދިޔަތަން ކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިޔާސީ އިންތިޚާބު އޮބްޒާރވް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ވޯޓްލުން ކުރިއަށްދިޔަ 15 ސަރަހައްދެއްގައި ހަރަކާތްތެރިވެފައެވެ.