ޚަބަރު

ރައްޔިތުންގެ ބަސް ސާފު، ނަތީޖާ ޤަބޫލުކޮށްފިން - ރައީސް ޔާމީން


ރައްޔިތުންގެ ބަސް ސާފުކަމަށާއި، ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިވެހިރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރިޔާސީ އިންތިޚާބު އިދިިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާމު ކުރެއްވުމާ ގުޅިގެން، ސަރުކާރު ބާދަލުކުރުމުގެ މަރުޙަލާތައް އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ އިބްރާހީމް މުޙައްމަދު ޞާލިހާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފައިވާކަމަށް ރައީށް ޔާމީން ވިދާޅުވިއެވެ.

ޤައުމާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުތެރޭގައި ޤައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެވިފައިވާކަމަށެވެ. އެގޮތުން މި 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އިޖްތިމާއީ ފޭރާން އަލުން ރަނގަޅުކޮށް، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ވަރުގަދަ ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިސް ރަށްވެހިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަންހުންނަ މީހުންނާއި، ޒުވާނުންނަށް ބޭނުންވެފައިހުރި ކަންކަންކޮށްދީ، ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް މި 5 އަހަރުތެރޭގައި ހައްލުކޮށްދެވުނުކަމަށް ޤަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށްޓަކައި ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢޫތައް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައިވެސް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ވޯޓްގެ ނަތީޖާ ޤަބޫލުކޮށް، ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ދެމިހުންނެވުމަށްފަހު އެމަނިކުފާނުގެ ޚިދުމަތުން ދުރަށްޖެހިލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނކުފާނުގެ ސަރުކާރަށް ތާއީދުކޮށް ވޯޓްދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ރިޔާސީ ކެމްޕޭނަށް އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ކެމްޕެއިން ޓީމުން ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބުކުރައްވާފައިވަނީ 58.4 އިންސައްތަ ވޯޓާއެކުގައެވެ. ރައީސް ޔާމީނަށް ލިބިފައިވަނީ 41.6 އިންސައްތަ ވޯޓެވެ.