ޚަބަރު

ރިޔާސީ އިންތިޚާބު ކުރިއަށްދިޔައީ އަމާންކަމާއެކު- ޓްރާންސްޕޭރަންސީ


ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ ޞުލްހަވެރި އަމާން އިންސާފުވެރި އިންތިޚާބެއްކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ފޯ ހިއުމަން ރައިޓްސް އަޙުމަދު ތޮލާލް ވިދާޅުވީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން 85 އިންސައްތައަށްވުރެ ގިނަ ރައްޔިތުން ވޯޓުލާފައިވާކަން ފާހަގަކުރެވޭކަމަށާއި، މިކަމުން ހާމަވެގެންދަނީ ދިވެހިން ވޯޓުލުމުގެ ޙައްޤަށް އަހުލުވެރިވެފައިވާ މިންވަރުކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދް ވިދާޅުވީ، ވޯޓުލީ ދުވަހު ބޮޑު މައްސަލަތަކެއް ފާހަގަކުރެވިފައި ނެތްނަމަވެސް އިންތިޚާބު ބޭއްވުމުގެ ކުރިން އިދާރީ ގިނަ މައްސަލަތަކެއް ހުރިކަން އެ ޖަމިއްޔާއަށް ފާހަގަވެފައިވާކަމަށެވެ. އެގޮތުން މި ފަދަ ކަންކަން ޙައްލުކުރުމަށްޓަކައި ކުރިއަށްއޮތް ތަނުގައި އިތުރު މަސައްކަތްތްތަކެއް ކުރާނެކަމަށް އައިމަން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ 20 އަތޮޅާއި އަވަށްޓެރި ލަންކާގައި 400 އަށްވުރެ ގިނަ އޮބްޒާވަރުން ބައިވެރިވެފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.