ޚަބަރު

ރިޔާސީ އިންތިޚާބު ނިމިގެން ދިޔައީ ވަރަށް އަމާންކަމާއި އެކު - ފުލުހުން


ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް އަމާންކަމާއި އެކީ ކަމަށް ފުލުހުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ފުލުހުންގެ ހިންގި އޮޕަރޭޝަން ބްލޫ ވޭވާއި ގުޅޭގޮތުން ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން އިއްޔެ ކުރިއަށް ގޮސްފައިވަނީ ވަރަށް އަމާންކަމާއި އެކުގައި ކަމަށެވެ. އަދި އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރަމުންދާއިރު ޒިންމާދާރުކަމާއި އެކީގައި ފާހަގަކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ވަނީ ރިޔާސީ އިންތިޙާބުގައި ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން 134616 (އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ) ވޯޓުން އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާޙީމް މުޙައްމަދު ޞާލިޙުއެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން އިބްރާޙީމް މުޙައްމަދު ޞޯލިޙު ކުރި ހޯއްދަވާފައިވާއިރު ރިޔާސީ އިންތިޚާބުގައި ދެލައްކަ ތިރީސް އަށްހާސް އަށްސަތޭކަ ހަތްދިހަ ހަތް މީހުން ވަނީ ވޯޓުލާފައިއެވެ.