ޚަބަރު

7 ދުވަހުގެ ތެރޭގައި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާނަން- އިލެކްޝަންސް ކޮމިޝަން


ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ 7 ދުވަހުގެ ތެރޭގައި އިޢުލާންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ، މިރޭގެ ވަގުތެއްގައި އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކުރާނެ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ރަސްމީ ނަތީޖާ އިޢުލާން ކުރައްވާނެކަމަށާ، އެގޮތުން ކުރިން ވިދާޅުވެފައިވާގޮތަށް ޤާނޫނުގައި ބުނެފައިވާ މުއްދަތުގެތެރޭގައި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރައްވާނެކަމަށެވެ. އެގޮތުން ކުރިއަށްއޮތް 7 ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ ޢިޢުލާން ކުރައްވާނެކަމަށެވެ.

ޝަރީފް ވިދާޅުވި، އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްގޮސްފައިވަނީ އަމާންކަމާއި އޮމާންކަމާއެކުގައި ކަމަށެވެ. އަދި އިންތިޚާބާ ގުޅިގެން ހުށަހެޅުނީ އެންމެ 2 ޝަކުވާކަމަށާ، އިންތިޚާބުގެ އެއްވެސް މަރުހަލާއެއްގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް ހިނގާފައި ނުވާކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަމުން ދޭހަކޮށްދެނީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަމަށްވެސް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.