ޚަބަރު

ރައީސް ޔާމީން ކެމްޕެއިން އޮފީހުގެ ނަމުގައި ފޮނުވަނީ "ފޭކް" އެސްއެމްއެސްތަކެއް- ޕީޕީއެމް


އެކިއެކި ދާއިރާތަކުގެ މީހުން ވޯޓުލާންޖެހޭ ވޯޓު ފޮށި ހުންނާނެތަން އަންގައިދިނުމަށްކަމަށް ބުނެ ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުގެ ނަމުގައި މިހާރު ފޮނުވަމުންގެންދާ އެސް.އެމް.އެސްތަކަކީ އެއޮފީހުން ފޮނުވަމުންދާ އެސް.އެމް.އެސްތަކެއް ނޫން ކަމަށް ޕީޕީއެމްއިން ހާމަކޮށްފިއެވެ.

އަދި މިއަދުގެ އިރުއޮއްސި 6 އިން ފެށިގެން ކެންޑިޑޭޓުންނަށް ތާއީދުހޯދުމަށް އެއްވެސް މަސައްކަތެއްކުރުމަކީ، ޤާނޫނާ ޚިލާފުކަމެއް ކަމަށްވުމާއެކު، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އެއްވެސް ރައްޔިތަކަށް އެއްވެސް މެސެޖެއް ނުފޮނުވާނޭކަމަށްވެސް ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މި އެސް.އެމް.އެސް ތަކުގައި، ނުބައިކޮށް ވޯޓުފޮށީގެ މަޢުލޫމާތުތައް ހިމަނާފައިވާތީ، މިއީ އޮޅުވާލުމަށް ނުވަތަ ޓާގެޓްކޮށްގެން ވަކިބައެއްގެ ވޯޓުލުމުގެ ޙައްޤުތަކަށް އަރައިގަތުމަށް ކުރާ ޤާނޫނީ ކުށެއްކަމަށް ޕީޕީއެމްއިން ތުހުމަތުކޮށްފައިވެއެވެ.

އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި އަދި އެވޯޓުފޮށިހުންނާނޭ މަރުކަޒު އޮޅުފިލުއްވުމަށް ބޭނުންނަމަ، ފަސޭހަ ގޮތަކަށް އެކަން ކުރެވޭނޭ މަގު އިލެކްޝަންސް ކޮމިޝަނުން ފަހިކޮށްދީފައިވާތީ، އިލެކްޝަންކޮމިޝަންގެ ކަމާއިބެހޭ ނަންބަރާއި ގުޅައިގެން އެ މަޢުލޫމާތު ސާފުކުރުމަށް ޕީޕީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އޮޅުވާލުމަށް ފޮނުވަމުންދާ މެސެޖުތަކުގެ މައްސަލަ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މިފަދަ ކަންކަން ކުރަމުންދާ ފަރާތްތަކަށް މިފަދަ ކަންކަމުން އެކަހެރިވެވަޑައިގަން ތިބުމަށް އެޕާޓީންވަނީ އިލްތިމާސްކޮށްފައެވެ. އަދި މިކަން ތަޙްޤީޤުކޮށްދިދުމަށް އެދި، އެޕާޓިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.