ޚަބަރު

ރިޔާސީ ކެމްޕެއިން ނިންމާލައިފި، ރައްޔިތުންގެ ޤައުމީ ނިންމުން މާދަމާ!


މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް ނިންމާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިކަމަށްވާ މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކެމްޕޭން ހަރަކާތްތައް 2 ކެންޑިޑޭޓުންވެސް ނިންމާލާފައިވަނީ ސުލްހަވެރިކަމާ އަމާންކަމާއެކުއެވެ. ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ނިންމާލުމުގެ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންނާއި، އެފަރާތްތަކަށް ތާޢީދު ކުރާ ފަރާތްތަކާއެކު ވެރިރަށް މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޙާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ކަމެއް މިއަދު ހަވީރު 6 ން ފެށިގެން 24 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ ހެނދުނު 6 އާ ދެމެދު، އެއްވެސް ވަޞީލަތެއްގެ ބޭނުންކޮށްގެން އެއްވެސް ފަރާތަކުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ. އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 6 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6 އާ ދެމެދު، އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް، ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެއް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިހެވެ.

2 ރިޔާސީ ކެނޑިޑޭޓުންގެ ކެމްޕެއިން ނިންމާލާފައިވާއިރު، މާދަމާ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ކުރިއަށްދާނެއެވެ. އަދި ރައްޔިތުން އިޚްތިޔާރުކުރާ ކެނޑިޑޭޓަކަށް ވޯޓްލުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ. އަދި ވޯޓުލުމަށްޓަކާ ރާއްޖެއާއި ރާއްޖޭން ބޭރުގެ 4 ޤައުމެއް ހިމެނޭހެން ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާނެއެވެ.