ޚަބަރު

މީހުންގެ ޝަޚުޞުކަތިލުމަކީ އެންމެބޮޑު އަނިޔާ - ޑރ.ޝަހީމް


ސިޔާސީ ބޭނުމަށްޓަކައި މީހުންގެ އަބުރުނަގާލައި ޝަޚުޞު ކަތިލުމަކީ އިންސާނަކަށް ދެވޭނެ އެންމެބޮޑު އަނިޔާކަމަށާ، އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޙް އިލްޔާސް ހުސައިނަށް ގޮވާލައްވައިފިއެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ ސުލްޙަ މަސަލަސްކަމާއި ދީން ޙިމާޔަތްކުރުމާއި ރާއްޖެއަށް ތަރައްޤީގެނެވޭނީ ރައީސުލުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިގެންކަމަށެވެ. އެހެންކަމުން ދިވެހިރައްޔިތުންނާއި، ޤައުމުގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ދޮގުވާހަކަތައް ނުފެތުރުމަށް ވަނީ ގޮވާލާފައެވެ.

ޑރ.ޝަހީމް ވިދާޅުވީ ޝައިޚް އިލްޔާސް އެމަނިކުފާނާ ބެހޭގޮތުން ދޮގުވާހަކަތައް ފަތުރަމުންދާއިރު އެމަނިކުފާނާ އިލްޔާސްއާ ދިމާނުވާތާ އެތައް އަހަރުތަކެއް ވެފައިވާކަމަށާ އެހެންކަމުން ދައްކަންޖެހޭ އެއްވެސް ސިއްރު ވާހަކަތައް ނުހުންނާނެކަމަށެވެ.

މި ކޮންފަރެނސްގައި ބައިވެރިވި ދީނީ ޢިލްމުވެރިންވަނީީ އަދާލަތު ޕާޓީ ސަރުކާރާ ދެކޮޅުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި އެޕާޓީ އުފެއްދި މަޤްޞަދު ހާސިލްވާނީ ރައީސް ޔާމިންއާ އެކުކުރިއަށްގޮސްގެންކަމަށެވސް އިލްމުވެރިންވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ އިންތިޚާބަށް ވަގުުތު ކުޑަތަންވެފައިވަނިކޮށްވެސް ވަކިގޮތަކަށް ނުނިންމައި ތިބި މީހުންވެސް ޕީޕީއެމްއަށް ގުޅެމުންދާކަމަށެވެ. ޑރ.ޝައިނީ ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެއާމެދު ފިޔަވަޅު އެޅުމަށް ބޭރުގެ ފަރާތްތަކށް ގޮވާލާއިރު އެކަމުގެ ސަބަބުން ދޭހަވަނީ ނަޝީދަކީ ޤައުމަށް ހެޔޮއެދޭ މީހެއް ނޫންކަންކަމަށެވެ.

ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް މިއަދު ހަވީރު މާލޭގައި ޚާއްސަ ރެލީއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތުގައި ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުންނަށް ބައިވެރިވެވޭނެކަމަށް އެ ޕާޓީއިން ބުނެއެވެ. މި ޚާއްސަ ހަރަކާތުގައި ރައީސް ޔާމީނާއި ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރން ވަޒީރުންނާއި މަޖިލްސް މެމްބަރުން ބައިވެރިވާނެކަމަށް ޕީޕީއެމްއިން ބުނެއެވެ.