ޚަބަރު

ރައީސް ޔާމީނަށް ވޯޓު ދިނުމަށް ޖަމްޢިއްޔަތުއްސަލަފުން ގޮވާލައިފި


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާޢީދުކުރެއްވުމަށް ގިނަ ދީނީ ޢިލްމުވެރިންތަކެއް ނިސްބަތްވާ ޖަމްޢިއްޔަތުއްސަލަފުން ނިންމައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ނެރުނު ބަޔާނުގައި ރައީސް ޔާމީނަށް ތާޢީދުކުރުމަށް ނިންމީ 2018 ގެ ރިޔާސީ އިންތިޚާބުގައި ޖަމްޢިއްޔަތުއްސަލަފުން ތިބި ގޮތާމެދު ރައްޔިތުންގެ ތެރެއިން އެތައްބަޔަކު ސުވާލު ކުރަމުންދާތީކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީނަށް ތާޢީދުކުރާކަން ހާމަކުރީ ޖަމްޢިއްޔަތުއްސަލަފުން އިޚްތިޔާރުކޮށްފައިވާ ގޮތްކަމަށް ބުނެ، އެކި ފަރާތްތަކުން ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ، އެކަމުގެ ހަޤީޤަތް ހާމަކުރުމަކީ ލާޒިމުކަމެއްކަމަށް ދެކޭތީކަމަށްވެސް ޖަމްޢިއްޔަތުއްސަލަފުގެ ބަޔާނުގައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ބަޔާނުގައި ރައީސް ޔާމީނަށް ތާޢީދުކުރަން ނިންމީ 2018 ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާފައިވާ ދެ ކެނޑިޑޭޓުންނާއި، އެބޭފުޅުންގެ ޕާޓީތަކާއި، އެޕާޓީތަކުގެ ފިކުރާއި، މަންހަޖާއި، އެޕާޓީތަކުގެ ވަށައިގެންވާ، އެތެރެއާއި ބޭރުގެ ފަރާތްތަކާއި، މާޟީގައި ކަންހިނގާފައިވާގޮތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށްކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، ރައީސް ޔާމީނަށް ވޯޓު ދިނުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ޖަމްޢިއްޔަތުއްސަލަފުން ވަނީ އިލްތިމާސްކޮށްފައެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ބަޔާނުގައި އިޖްތިމާޢީ ބޮޑެތި މައްސަލަތަކުގައި ދީނީ ޙައިޘިއްޔަތުން ބަސްބުނެ، މީސްތަކުން ހޭލުންތެރިކުރުވުމުގެ ދީނީ މަސްއޫލިއްޔަތު އަދާކުރުމަކީ އެޖަމްޢިއްޔާގެ މަޤްޞަދަކަށްވާއިރު، ކެނޑިޑޭޓެއް އިޚްތިޔާރުކުރުމުގައި ޖަމްޢިއްޔަތުއްސަލަފުގެ ބަސް ހާމަކުރުމަކީ ދީނީ އަމާނާތެއްކަމަށް ބުނެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ބަޔާނުގައި މިދަނޑިވަޅުގައި، މީހަކު ތާއީދުކުރާ ވަކި ކެނޑިޑޭޓެއްގެ ސަބަބުން، މުސްލިމުންގެ އަބުރާއި ޢިއްޒަތަށް އަރައިނުގަތުމަށާއި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އިސްލާމީ އަޚުވަންތަކަމުގެ ގުޅުމަށް ބުރޫއަރާފަދަ އެއްވެސްކަމެއް ނުކުރުމަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރާކަމަށް ބުނެފައިވެއެވެ.